ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ސަރުކާރަށް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.

މި ޑްރޯންތައް ރަސްމީކޮށް ހަވާލުކުރުމަށްޓަކައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތުގައި ދެ ފަރާތުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.

ޑްރޯންތަކާ ހަވާލުވުމަށް އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސް ޑިވިޝަނުން މި ޑްރޯންތައް ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ޑްރޯންތަކުގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި މެރިން ޕޮލިހުން ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން، ކޯސްޓް ގާޑުން ހިންގާ އޮޕަރޭޝަންތަކުގައި މެރިން ޕޮލިހަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޔޫއެންއޯޑީސީން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާ ކުރައްވާފައިވަނީ ކަނޑާއި ވައިގެ މާޙައުލުގައި ދަތުރުކުރުމަށް ޚާއްޞަ ކުރެވިފައިވާ ދެ ޑްރޯނެވެ. މި އުޅަނދުތައް މައިގަނޑު ގޮތެއްގައި ބޭނުން ކުރުމަށް ރޭވިފައިވަނީ ކައިރި ސަރަޙައްދުތަކުގައި ކުރިއަށް ގެންދެވޭ ޚާއްޞަ އޮޕަރޭޝަންތަކުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވެއެވެ.