ސިއްހަތަށް ނުރައްކާތެރި މާމުއީގެ ބާވަތްތަށް ރާއްޖެ އެތެރެ ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން (އެމްއެފްޑީއޭއިން) މަނާ ކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވައިވަނީ ދިވެހިރާއްޖޭގެ ބާޒާރުގައި މިހާރު ދައުރު ވަމުންދާ ބައެއް ވައްތަރުތަކުގެ މާމުޔަކީ އޭގައި ޑޮކްޓަރީ ބޭހުގެ ބައެއް މާއްދާތަށް ހިމެނޭ ތަކެތިކަމަށެވެ.

މިގޮތުން އެ އިދާރާއަށް މި މާމުއީގެ ވައްތަރުތަކުގައި "ސިލްޑެނަފިލް" އަދި ޓަޑަނަފިލް" ކިޔާ ދެ ވައްތަރެއްގެ ބޭހެއް ހިމެނޭކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މިފަދަ މާއްދާތަކަކީ އިންސާނާގެ ހަށީގަނޑަށް ބޮޑެތި ގެއްލުން ލިއްބައިދޭ މާއްދާތަކެއް ކަމަށެވެ. އަދި މީގެސަބަބުން ބައެއް ފަހަރު އިންސާނާގެ ފުރާނަށްއަށް ވެސް ނުރައްކާ ވެދާނެ ކަަމަށެވެ.

އެ އިދާރާއިން ވިދާޅުވީ މިފަދަ މާއްދާތަށް އެކުލެވޭ އެއްޗެހި ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއްކަމަށް ޔޫއެސްގެ އެފްޑީއޭއިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.