ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފައެލް ވަރާން އިޓަލީގެ ކްލަބެއް ކަމުގައިވާ ކޯމޯއަށް ސޮއިކޮށްފިއެވެ.

އިތުބާރުހުރި ފުޓުބޯޅަ ޖާނަލިސްޓު ފަބްރީޒިއޯ ރޮމާނޯ ސޯޝަލް މީޑިއާއަށް އާއްމު ކުރި ޕޯސްޓެއްގައި ވަނީ އިޓަލީގެ ސެރިއާއަށް މި ސީޒަނަށް ޕްރޮމޯޓުވި ކޯމޯއަށް ވަރާން ސޮއިކޮށްފިކަން ޔަގީން ކޮށްދީފައެވެ.

ވަރާން ކުރިން ކުޅުނު ކްލަބު ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ފަހު ކޮޅުގައި ހަމަވުމާއެކު އޭނާ ކޯމޯއާ ގުޅުނީ ފްރީ އޭޖެންޓެއް ގޮތުގައެވެ. ޔުނައިޓެޑުން ވަނީ, ވަރާންގެ ކޮންޓްރެކްޓް އައު ކުރުމުގެ ބަދަލުގައި 18 އަހަރުގެ ޒުވާން ލެނީ ޔޯރޯ ސޮއިކޮށްފައެވެ.

ފަބްރީޒިއޯ ހާމަކުރި ގޮތުގައި ވަރާން ކޯމޯއާ ގުޅުނީ 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ހަމަވާ ކޮންޓްރެކްޓެެއްގެ މަތިންނެވެ. އިތުރު ސީޒަނަކަށް ކޮންޓްރެކްޓް އިތުރު ކުރުމުގެ ފުރުސަތު އެ ކޮންޓްރެކްޓުގައި ހިމެނޭ ކަމަށް ފަބްރީޒިއޯ މައުލޫމާތު ދެއެވެ.

އާސެނަލް އަދި ޗެލްސީއަށް ކުޅެދިން ފުޓުބޯޅަ ލެޖެންޑު, ސެސް ފެބްރިގާސްގެ އިރުޝާދުގެ ދަށުން ވަރާން ދެން އަންނަ ސީޒަނުގައި ކޯމޯއަށް ކުޅުމަށް ހަމަޖެހިފައިވާ އިރު އޭނާއަކީ ފުޓުބޯޅައިގައި އެތައް ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ހުނަރުވެރި ޑިފެންޑަރެކެވެ. ވަރާން, ޖުމްލަ 21 ތަށި ކާމިޔާބު ކޮށްފައިވާ އިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2018 ވަނަ އަހަރު ފްރާންސްގެ ޓީމާއެކު އޭނާ ހިއްލާލި ވޯލްޑް ކަޕެވެ.