އެމެރިކާގެ ސިޓީއެއް ކަމަށްވާ ވޯކެސްޓަރ އަށް އުފަން ބްރެޑަށް ހޭލެވުނީ ނޭވާލާން އުނދަގޫ ވެގެނެވެ. އެކަމާ އޭނާ ހާސްވެ ވަރަށް ކަންބޮޑުވިއެވެ.
ނިދާ ހޭލައިގެން ފެންބޯން އުޅުމުން ފެންފޮދު ދިރުވައެއް ނުލެވުނެވެ. ފެންފޮދު ތާށިވަނީއެވެ. ކޮށިއަރަނީއެވެ. މޭގައި ރިއްސަނީއެވެ. އޭނާގެ ހާސްކަން ހައްތާވީ ބޮޑެވެ. ވަރަށް އުނދަގުލުން ފެންފޮދު ބޭރުކޮށްލެވުނެވެ.
ކުއްލިއަކަށް އޭނާގެ ސަމާލުކަން ހުއްޓުނީ އިއަރ ބަޑަށެވެ. އެ އެކަތި މަދުކަން އޭނާއަށް ފާހަގަވިއެވެ. އެ ވާހަކަ އާއިލާ މީހުން ގާތު ވެސް ބުނެފިއެވެ. އާއިލާ މީހުންނާ އެވާހަކަ ހިއްސާ ކުރުމުން އެމީހުން ބުނީ ނޭވާލާން އުނދަގޫވެ މެޔަށްތަދު ވަނީ އިއަރ ބަޑް ދިރުވާލެވިގެން ކަމަށް ވެދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ހީކުރެވުނީ އެއީ އެމީހުންކުރި ސަމާސާއެއް ކަމަށެވެ.
"އިއަރ ބަޑް ހޯދަމުން ދިޔައިރު އަހަރެންގެ އަންހެނުން ބުނި ފަހަރެއްގައި ނިދީގައި އިއަރ ބަޑް ދިރުވާލެވުނީ ކަމަށް ވެދާނެ ނޫންހޭ. އެހެން ބުނުމުން އެކަމާ ވަރަށް ހީވެސް ހެދިން. އެކަމަކު ފަހުން ހިތަށް އެރީ ހަގީގަތުގައިވެސް އަހަންނަށް އިއަރ ބަޑް ނިދީގައި ދިރުވާލެވިދާނެޔޭ،" ބްރެޑް ބުނެފައިވެއެވެ.
އެހެން ހިތަށް އެރުމަށްފަހު އެކަމާ ވަރަށްބޮޑަށް އޭނާ ވިސްނިއެވެ. އެންމެފަހުން އާއިލާމީހުން ލަފާ ދިނީ ހޮސްޕިޓަލަށް ދިޔުމަށެވެ. އެކަމުން ލިބޭނެ ގެއްލުމެއް ނެތުމުން އޭނާ ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ދިޔުމުން ޑޮކްޓަރުން އެކްސްރޭ ނެގިއެވެ.
އެކްސްރޭ ތަކުން ދެއްކި ގޮތުގައި އިއަރ ބަޑް އޮތީ ބްރެޑްގެ ކާއެއްޗެހި ދަތުރުކުރާ ހޮޅީގައި ތާށިވެފައެވެ. ބްރެޑަށް ނޭވާލާން ދަތިވެ ފެންބޯން އުނދަގުވާ ސަބަބަކީ މިއީ ކަމަށް ޑޮކްޓަރުން ބުންޏެވެ.
"އެންމެ ފުރަތަމަ ޑޮކްޓަރުން ލަފާކުރީ އަހަންނަށް ކެވުނު އެއްޗަކުން ކުރި ނޭދެވޭ އަސަރެއް ކަމަށް. ހަގީގީ ސަބަބު އެނގުނީ އެކްސްރޭ ނަގައިގެން ބެލުމުން،" އޭނާ ބުނެފައިވެއެވެ.
އެކްސްރޭ ބެލުމަށްފަހު ޑޮކްޓަރުން ވެސް ހައިރާންވިއެވެ. އެންމެ ފަހުން އެމީހުން ވެސް ބުނީ އިއަރ ބަޑް ދިރުވައިލެވިފައިވާ ކަމަށެވެ. "ހުރިހާ ސްޓާފުންވެސް ތިބީ ވަރަށް ބޮޑަށް ހައިރާންވެފައި. އެކްސް ރޭ އިން ރީތިކޮށް އެބަ ފެނޭ އިއަރ ބަޑް ތާށިވެފައި އޮތްތަން،" ބްރެޑް ބުނެފައިވެއެވެ.
އެ އިއަރ ބަޑް ނަގައިފައިވަނީ އޮޕަރޭޝަނެއް ކޮށްގެންނެވެ. އެ އޮޕްރޭޝަނަކީ ކާމިޔާބު އޮޕްރޭޝަނަކަށް ވާނެކަމުގެ ޔަގީންކަން ޑޮކްޓަރުންނަށް އޮތެވެ. އެހެން ނަމަވެސް އެއީ ރިސްކުން ފުރިގެންވި އޮޕްރޭޝަނެކެވެ. އެހެނީ އެ ނަގަން އުޅުމުގެ ތެރޭގައި އެ ބަނޑަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމަކަށްވާތީއެވެ. ބްރެޑް ގެ ނަސީބު ގަދަ ކަމުން އެ އޮޕަރޭޝަން ކާމިޔާބުވެ މީހާރު އެއާރ ޕޮޑް ވަނީ ނަގައިފައިއެވެ. އެ ނައިގެން އަލުން ބޭނުން ކުރަން ފެށިއިރު އޭގައި ކޮންމެވެސް ވަރަކަށް މައްސަލަ ހުއްޓެވެ. އެންމެ ފުރިހަމަ ގޮތުގައި މިހާރު އޭތީ މަސައްކަތެއް ނުކުރެއެވެ.
އެންމެފަހުން ބްރެޑަށް ގަބޫލު ކުރަން ޖެހުނީ ނީދީގައި އިއަރ ބަޑް ދިރުވައިލެވުނީ ކަމަށެވެ. އޭނާ ނިދަން އޮށޯތީ އެއަރ ޕޮޑްސް ޖަހައިގެންނެވެ.
މިކަމުން މާބޮޑު ގެއްލުމެއް ނުވެ ސަލާމަތްވެވުނީތީ ބްރެޑް ހުރީ އިންތިހާއަށް އުފާވެފައެވެ.