މިއަދު ނޭޕާލުގެ ވެރިރަށް ކަތްމަންޑޫއިން މަތިންދާބޯޓެއް ޓެކްއޮފްކުރުމުގެ ތެރެއިން އެކްސިޑެންޓެއް ހިނގާ، އަލިފާން ރޯވެ ވެއްޓުމުގެ ސަބަބުން 18 މީހުން މަރުވެއްޖެއެވެ.

މި ނުރައްކާތެރި ހާދިސާގައި ދިރި ހުރި ހަމައެކަނި މީހަކީ ޕައިލެޓެވެ. އޭނާ މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. ސައުރިޔާ އެއަރލައިންސްގެ މި ޓެސްޓު ފްލައިޓުގައި ޖުމްލަ 19 މީހުން ތިބެއެވެ. މީގެ ތެރޭގައި އެއަރލައިންގެ ޓެކްނިކަލް މުވައްޒަފުންނާއި ދެ ކްރޫ މެންބަރުން ހިމެނެއެވެ.

މަތިންދާބޯޓު ދަތުރުކުރަން އަމާޒުކޮއްފައި އޮތީ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއް ކަމުގައިވާ ޕޮކަރާއަށެވެ. އިންޓަރނެޓުގައި ޝާއިޢުކޮށްފައިވާ ވީޑިއޯތަކުގައި ދައްކާ ގޮތުން މަތިންދާބޯޓު ވަނީ އަލިފާނާއި ދުމުގެ ތެރެއަން ފޮރުވިފައެވެ. މި ހާދިސާ ހިނގުމާ ގުޅިގެން ވަގުތުން ފަޔަރ އިންޖީނުތަކާއި އެމްބިއުލާންސްތައް ވަނީ އެ ސަރަޙައްދަށް ފޮނުވާފައެވެ.

ނޭޕާލު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސާރޗް އެންޑް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހާދިސާ ހިނގީ މިއަދު ގާތްގަނޑަކަށް ނޭޕާލް ގަޑިން 11:15 ގައި، މަތިންދާބޯޓު ތްރިބުވަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރިތާ މަދު މިނެޓުތަކެއްގެ ފަހުންނެވެ. ބަޔާނުގައި ބުނެފައިވަނީ މަތިންދާބޯޓު "ކަނާތްފަރާތަށް އެނބުރި ރަންވޭގެ އިރުމަތީ ފަރާތަށް ވެއްޓި ކްރޭޝްވީ" ކަމަށެވެ.

އަލިފާން ނިއްވާލެވި، ސަލާމަތްކުރުމުގެ މަސައްކަތް ވަގުތުން ފެށުނު ކަމަށް ރިޕޯޓުކުރެވުނު ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. 18 މީހުންގެ ހަށިގަނޑު ހޯދާ، އަނިޔާވެފައިވާ އެއް މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންދެވުނު ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނޭޕާލްގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ފެންވަރު ދަށްކަމަށްބުނެ އެގައުމަށް ގިނަގުނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު، ޔެތީ އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނު ޙާދިސާގައި މަދުވެގެން 72 މީހުން މަރުވިއެވެ. މި ޙާދިސާ ހިނގީ ޕައިލެޓުން އޮޅުމަކުން ބޯޓުގެ ޕަވާ ކަނޑާލުމުގެ ސަބަބުންކަމަށް ފަހުން ދެނެގަނެވުނެވެ.

ސަރޫޔާ އެއަރލައިންސްއިން ނޭޕާލްގެ 5 މަންޒިލަކަށް ދަތުރުތައް ހިންގައެވެ. އަދި އެ ކުންފުނީގެ ވެބްސައިޓުގައި ބުނާގޮތުން، އެ ކުންފުނީގެ ފްލީޓުގައި 3 ބޮމްބާޑިއަރ ސީއާރުޖޭ-200 ޖެޓް ހިމެނެއެވެ.