ބުޅަލަކީ ވަރަށްގިނަ ބަޔަކު އޮޅުކޮށްގެން ގޭގައި ގެންގުޅޭ އޮޅު ޖަނަވާރެކެވެ. ކުދިބޮޑު އެންމެން ބުޅާދެކެ ނިކަން ގަޔާވެއެވެ. ހާއްސަ ކޮށް ކުޑަކުދިންނެވެ.
މައިންބަފައިން ގާތު ރޮއި އާދޭސް ކޮށްގެން ވެސް ގޭގައި ބުޅާ ގެންގުޅެން ބޭނުންވާ ކުދިން މަދެއް ނޫނެވެ. ބުޅާ ގޭގައި ގެންގުޅުމުގެ ތެރޭގައި އެކި ކަހަލަ ހާދިސާތައް ކުރިމަތިވެއެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.
އޮސްޓްރޭލިއާގެ އަވަށެއް ކަމުގައިވާ ކުއިންސް ލޭންޑަށް ނިސްބަތްވާ ދެ ކުއްޖަކު އެކުދންގެ އާއިލީ ބުޅާ އާތާ އާއެކު ކުޅެން އުޅެނިކޮށް ބުޅާ މިވަނީ ހަރުފައެއްގެ ކިބައިން އެ ކުދިން ސަލާމަތް ކޮށްދީފައިއެވެ.
އެ ކުދިން ގޭގެ ބަގީޗާގައި އެ ބުޅަލާ އެކު ކުޅެން ތިއްބާ ކުއްލިއަކަށް ފެނުނީ "އީސްޓަން ބްރައުން ސްނޭކެއް" މި ކުދިން ގާތު މަޑުކޮށްގެން އޮއްވައެވެ. މި ޒާތުގެ ހަރުފައަކީ އޮސްޓްރޭލިއާގެ ހަރުފަ ތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ބާވަތު ހަރުފައެވެ. މިއީ އެއްވެސް އިންޒާރަކާ ނުލައި ކުއްލިއަކަށް ހަމަލާދޭ ވައްތަރުގެ ހަރުފައެކެވެ. މީގެ އިތުރުން އެހެން ހަރުފަތަކާ އަޅާ ބަލާއިރު މި ހަރުފައިގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ވެސް ގިނައެވެ.
މި ހަރުފަ މަޝްހޫރު ވެގެން ގޮސްފައިވަނީ "އެގްރެސިވް" އަދި ހަރަކާތް އަވަސް ހަރުފައެއްގެ ގޮތުގައެވެ. މީގެ އިތުރުން މި ހަރުފައިގެ ވިހައަކީ ދުނިޔޭގައި ދެވަނައަށް އެންމެ ޓޮކްސިކް ވިހައެވެ. މި ހަރުފަ ވިހަ ލައިފި ނަމަ ނުރައްކާ އެންމެ ބޮޑީ ކުޑަކުދިންނަށެވެ. އެހެން ކަމުން މި ހަރުފަ ވިހަލައިފި ނަމަ ވަގުތުން ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.
މި ނުރައްކާތެރި ހަރުފަ އާތާއަށް ފެނުމާއެކު އޭގެ ހަރަކާތްތަކަށް ވިސްނައި ސަމާލުވެލިއެވެ. އަދި އޭތި ކޮށްފާނެ ކަމަކާމެދު ހުޝިޔާރުވެ އޮތެވެ. ހަރުފަ ކުދިންނަށް ހަމަލާ ދޭން ތައްޔާރު ވުމާއެކު އާތާ ވަނީ ހަރުފައަށް ހަމަލާދީ މަރާލައިފައެވެ. އެހެންނަމަވެސް ހަރުފަ ވަނޫ އޭތި މަރުވުމުގެ ކުރިން އާތާ ގެ ގަޔަށް ވިހަލައިފައިއެވެ.
އެވަގުތު ބޯ އަނބުރައިގެން ވެއްޓޭ ފަދައިން އާތާ ވެއްޓުނެވެ. ނަމަވެސް އިރުކޮޅަކުން އެއްވެސް ކަމެއް ނުވާފަދައިން ތެދުވެ ހެލިފެލިވެ އުޅެން ފެށިއެވެ. ނަމަވެސް އަނެއް ދުވަހު ބެލިއިރު ވިހައިގެ އަސަރުވަނީ އެ ބުޅަލުގެ މުޅި ހަށިގަނޑަށް ކޮށްފައެވެ.
އާތާގެ ސާހިބު މީހާއަށް އެ ފެނުނުއިރު އޮތީ އެއަށް ނުތެދުވިފައެވެ. އެހެން ކަމުން ސާހިބު މީހާގެ ހިތް ހަލާކުވި ފަދައެވެ. ވަގުތުން އާތާ ހޮސްޕިޓަލަށް ގެންދިޔައެވެ. އެހެނަސް އޭރުވަނީ މާ ލަސްވެފައެވެ. އާތާ މަރުވީ އެވެ، ބޮޑު ގުރުބާނީއަކަށް ފަހުގައެވެ.
ކުއިންސްލޭންޑް ގެ އެނިމަލް އެމަޖެންސީ ސާރވިސްއިން ބުނި ގޮތުގައި ބުޅާ މަރުވުމުން އޭގެ ސާހިބު މީހާގެ ހިތްވަނީ ކުދިކުދި ވެފައެވެ. "އާތާގެ ވެރިމީހާ އާތާއަށް އެންމެ ފަހުގެ އަލްވަދާއު ކިޔާފައި ވަނީ ހިތް މަތީ ގާގަނޑެއް ބާއްވާއިގެން" ކަމަށް އެމީހުން ފެސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.
އަބަދުވެސް އާތާގެ މަތިން ހަނދާންވާނެ ކަމަށާއި ކުޑަކުދިންތަކެއްގެ ފުރާނާ ސަލާމަތް ކޮށްދިން ކަމަށްޓަކައި އަބަދުވެސް އާތާއަށް ޝުކުރުވެރިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ހާދިސާގެ ކުރިންވެސް އާތާ އެ ކްލިނިކަށް ގެންނަ ކަމަށާއި އެ ކްލިންކްގެ ހުރިހާ މުވައްޒަފުން ވެސް އާތާ ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ވަނީ ބުނެފައިއެވެ.
އާތާގެ މަރާއެކު ގިނަ ބަޔަކު ވަނީ އޭގެ ހަނދާނުގައި އެމީހުންގެ ޝުއޫރުތައް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިވެއެވެ. ގިނަ ބަޔަކު ސިފަކޮށްފައިވާ ގޮތުގައި އާތާއަކީ ހީރޯއެކެވެ.