ކޮވިޑް19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމުގައި ރައްޔިތުންނަށް ނަމޫނާ ދައްކައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފި އެވެ.

ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުޅިވަރުގެ ފަންނުވެރިން، އަދި ހާއްސަކޮށް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ، ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ބައެއް ކަމަށެވެ.

އެހެންކަމުން ސިއްހީ ހިދުމަތްތެރިންނެކޭ އެއް ފަދައިން އެ ފަރާތްތައް ވެސް، ކޮވިޑްއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމަށްވާ ގައިދުރުކުރުމާއި، މާސްކު އެޅުމާއި، އާންމު ސާފުތާހިރުކަމުގެ އަމަލުތަކަށް އާންމުން ހޭލުންތެރިކޮށް، ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމައެއާއެކު ވެކްސިން ޖެހުމަށް އާންމުންނަށް ބާރު އެޅުމަށް ވެސް އެ ފަރާތްތަކުގެ ކިބައިން ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި ކުލަބުތައް ތަމްސިލުކުރައްވާ ބޭފުޅުން ވަނީ ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ހުރި ހިޔާލުތައް ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން އެކަމުގައި ހުރި ގޮންޖެހުންތަކާއި އެ ކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.

ހަމައެއާއެކު ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަ ވެސް އެ ބޭފުޅުން ވަނީ ރައީސްއާ ހިއްސާ ކުރައްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށްޓަކައި ކަމާ ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.