ސިއްހީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރައްވާފައިވާކަން ފާހަގަކުރައްވައި އެ ހިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް 14 ފަރާތަކުން މި ހިދުމަތް ހޯދަމުން ދާކަމުގައި ވިދާޅުވެ އޭގެތެރެއިން 3 ފަރާތަކުން މި ފަރުވާ ފުރިހަމަ ކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މި ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ހެދޭނެކަން ފާހަގަކުރައްވައި މި ހިދުމަތް ދިނުމަށް މި ސަރުކާރުން 'ޕޮއިންޓް އޮފް ކެއަރ" ވަޞީލަތްތައް ހުރިހާ ރަށެއްގައި ގާއިމުކުރައްވާފައިވާކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފަރުދީ މިނިވަންކަމާއި ރަށްރަށުގެ ދިރިއުޅުން ފަހިކޮށްދެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. ހަމައެއާއެކު ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ގާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ހުރިހާކަމެއް ހަމަޖެހިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް އާސަންދަ މެދުވެރިކޮށް އައި.ވީ.އެފް ޓްރީޓްމަންޓް ހިދުމަތް ދިނުމަށާއި އަދި ސިއްހީ ދާއިރާގެ ގިނަ ހިދުމަތްތައް ތަޢާރަފުކުރުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ހުޅުމާލޭގައި ތެލެސީމިއާ ހިދުމަތް ދޭ ހޮސްޕިޓަލެއް ގާއިމުކުރުމަށް ބިން ކަނޑައަޅާފައިވާކަމަށާއި، މިތަން ފުރިހަމަ ކުރެވުމުން ތެލެސީމިއާގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެވި ވަށާޖެހޭ ގޮތެއްގައި މިޚިދުމަތް ރައްޔިތުންނަށް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.