ރާއްޖެއިން މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން މިއަދު 5،204 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން މިއަދު ވެކްސިން ދިން 3،967 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ދިން 1،237 މީހުންނެވެ.

މާލެ ސަރަހައްދުން މިހާތަނަށް 35،289 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 8،429 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 43،817 މީހަކަށް މިވަނީ ވެކްސިން ދީފަ އެވެ.

މިހާތަނަށް ރިސޯޓްތަކުން 99 މީހަކަށް ވެކްސިން ދީފައިވެއެވެ. މިއަދު އެއްވެސް ރިސޯޓެއްގައި ވެކްސިން ދީފައެއް ނުވެ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.