މިއަހަރުގެ މިހާތަނަށް 143 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިހެން ވިދާޅުވީ، އެ މުއައްސަސާއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިިސްއިން އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަދި ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް 10 ކިލޯއަށް ވުރެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެގޮތުން އެކި އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 62 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގު 143 މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށްވެސް ނާހިދު ވިދާޅުވިއެވެ.