މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު ކާޑެއްދޫ އެއަރޕޯޓުގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފިއެވެ.

ކާޑެއްދޫ އެއަރޕޯޓުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ރަށްރަށުގެ ކައުންސިލްތަކާއި އެކިއެކި މުއައްސަސާތަކާއެކު ބާއްވަމުންގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުމުގައި، ސިފައިން އެއަރޕޯޓުގައި ޑިއުޓީ ކުރުމުގައި ދިމާވާ ދަތިތަކާ ބެހޭގޮތުންނާއި، އެކަން ހައްލުކުރުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ އަރިހުގައި އެ ކޮމާންޑުގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.