ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 15 ކިލޯގެ ޑްރަގު އަތުލައިގަނެެވިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަކުރެއްވީ މިއަދު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް މުހައްމަދު މަސީހު ވިދާޅުވީ، 15.38 ކިލޯގެ ކެނަބިސް ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އެމިރޭޓްސް ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއްގެ ދަބަހުން ކަމަށެވެ. އަދި މިތަކެތީގެ އަގު 12 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށްވެސް މަސީހު ވިދާޅުވިއެވެ.

މިއީ މިހާތަނަށް ވައިގެ މަގުން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެއްފަހަރާ އަތުލައިގަނެވުނު ފުރަތަމަ ފަހަރުކަން އެސިސްޓެންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް މުހައްމަދު މަސީހު ވަނީ ފާހަގަ ކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލް އޮޕަރޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރި އުމުރުން 44 އަހަރު މީހާ އާއި އޭނާއާ ގުޅުން ހުރި 41 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިދެމީހުންނަކީވެސް މެލޭޝިޔާ ދެމީހުންނެވެ.