ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްތައް އޮސްޓްރޭލިއާއަށާއި، ނިއުޒީލެންޑަށް ގެންގޮސްފިއެވެ.

އޮސްޓްރޭލިއާއާއި ނިއުޒީލެންޑުންވެސް ބުނެފައިވަނީ، އަންނަ ހަފްތާގައި އާންމުންނަށް ވެކްސިން ދޭން ފަށާނެ ކަމަށެވެ.

"ދަ އީގަލް ހޭޒް ލޭންޑެޑް" ވެކްސިން ހިފައިގެން އައި ފްލައިޓް އޮސްޓްރޭލިއާގައި ޖެއްސުމާއެކު، އެގައުމުގެ ހެލްތު މިނިސްޓަރ ގްރެގް ހަންޓް ނޫސްވެރިން ގާތު ވިދާޅުވިއެވެ.

އޮސްޓްރޭލިއާއަށް ގެނައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ އެމެރިކާގެ ފައިޒަރއާއި ޖަރުމަނުގެ ބަޔޯއެންޓެކުން ތަރައްގީކޮށްފައިވާ ވެކްސިންގެ 142،000 ޑޯޒްގެ ވެކްސިނެވެ.

އޮސްޓްރޭލިއާގައި ވެކްސިން ޖަހަން ފަށަން ހަމަޖެހިފައިވަނީ މި ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުއެވެ.

އޮސްޓްރޭލިއާ ކޮވިޑް ވެކްސިން ޖަހަން ފަށަން ތައްޔާރު ވަމުންދާއިރު، އާ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެގައުމުގެ އާބާދީ ބޮޑު ސިޓީތައް ކަމަށްވާ މެލްބަރންއާއި، އޯކްލެންޑް މިހާރު އޮތީ ލޮކްޑައުން ކޮށްފައެވެ.

ނިއުޒީލެންޑަށް ގެނައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ ފައިޒަރ-ބަޔޯއެންޓެކްގެ 60،000 ޑޯޒް ވެކްސިނެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދަ އަރްދެއިން ވިދާޅުވީ، ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްފަހު އެންމެ ފުރަތަމަ ވެކްސިން ދޭނީ ބޯޑަރު ބަލަހައްޓާ މީހުންނަށް ކަމަށެވެ.

އެމީހުންނަށް ހޮނިހިރު ދުވަހުން ފެށިގެން ވެކްސިން ޖަހަން ފަށާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ޔަސިންދަ އަރްދެއިން ވިދާޅުވީ، ނިއުޒީލެންޑްގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ގަނެފައިވާ ކަމަށެވެ. އަދި އެންމެނަށް ވެކްސިން ދޭނީ ހިލޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިސާ ކޮންމެފަދަ ހާލަތެއްގައިވީ ކަމުގައިވިޔަސް، ނިއުޒީލެންޑްގައި މިވަގުތު ތިބި ބޭރު ގައުމުތަކުގެ އެންމެނަށްވެސް ވެކްސިން ދޭނޭކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.