ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށާ އަދި ޖަމާޢަތަށް ފައިދާހުރި އެތަކެއް ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުއްލަތީފް ހުސައިން މަނިކު (އަތަމާ އަބްދުއްލަތީފް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އަބްދުއްލަތީފް ހުސައިން މަނިކު، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި މަރްހޫމް އަބްދުއްލަތީފް ހުސައިން މަނިކު އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމައާއެކުކަން ބަޔާންކުރައްވައި މަރްހޫމް އަބްދުއްލަތީފް ހުސައިން މަނިކަކީ ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާއަތަށް ފައިދާހުރި އެތައް ހިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ އަދަދެއްގެ ދިވެހީން ހައްޖަށް ގެންގޮސްދެއްވުން ފަދަ އެތައް ކަމެއް ކޮށްދެއްވައި، މުޖްތަމަޢުގެ އިހުތިރާމް ހޯއްދަވާފައިވާ، ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ.

އަދި މަރުޙޫމް އަބްދުއްލަތީފް ހުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިގުތިސާދަށް ގެނަސްދެއްވުމުގެ މުހިންމު ހިއްސާދާރެއްކަން އެމަނިކުފާނުގެ މި ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެހެންމެ، ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމާއި، ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި އަދި ޖަމާއަތަށް ފައިދާހުރި ހާއްސަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމް 1991 ވަނަ އަހަރު ހާސިލްކުރައްވާފައިވާ ބޭފުޅެއްކަމުގައި ރައީސް ފާހަގަކުރައްވާފައިވެއެވެ.

މަރުހޫމް އަބްދުއްލަތީފް ހުސައިންމަނިކު ވަކިވެދިއުމާއެކު ގެއްލިގެން އެދިޔައީ ގައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖުރިބާކާރު، ނަމޫނާ ޝަހުސިއްޔަތެއްކަން ފާހަގަކުރައްވައި ރައީސްގެ މި ފޯސްޓު ނިންމަވާލައްވާފައި ވަނީ ގައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅުގައި މަރުޙޫމްގެ ލޮބުވެތި އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުޙޫމް ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މިންވަރުކޮށްދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.