ގަސްއިންދުމުގެ ކުރިން ފަސްގަނޑުޖެހުމާއި ބިންތައްޔާރުކުރުމަކީ އެންމެ ކުރީ ޒަމާނުންސުރެއްވެސް ދަނޑުވެރިން ކުރަމުން އަންނަ ވަރަށް މުހިއްމު ކަމެކެވެ. އެއީ މިކަމުގެ ސަބަބުން ފަސްގަނޑު ރަނގަޅުވެ އިންދޭ ގަސްގަހާގެހި ހެދިބޮޑުވެ އެއިގެން ފައިދާވުމަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރުވާތީއެވެ. މިގޮތުން ބިން ތައްޔާރުކުރުމަށް ވިސްނަންޖެހޭޭ ކަންތައްތަކުގެތެރޭގަައި:

- ބިން ހިޔާރު ކުރުން

- ބިން ސާފް ކުރުން

- ދަނޑު ޑިިޒައިން ކުރުން

- ފަސްގަނޑު ތައްޔާރު ކުރުން

ލޮނުގެ އަސަރުނުކުރާ ފަސޭހައިން ފެން ލިބޭ ބިމަކަށް ހަދަންވާނެއެވެ. ގަދަވައިން ގަސްތައް ސަލާމަތް ކުރުމަށްޓަކައި ވައިނިވާ ލިބޭ ގޮނޑުދޮށާ މާކައިރި ބިމަކަށް ވެގެން ނުވާނެއެވެ. ތަފާތު ބާވަތުގެ ގަސްގަސް ހެދެނީ ތަފާތު ބާވަތުގެ ފަސްގަނޑުގައެވެ. އެހެންކަމުން އެހައްދާ ބާވަތަކާގުޅޭ ފަސްގަނޑަކަށް ވާންވާނެއެވެ. ގިނަގަސްގަހާގެހި ހެދެނީ ކަޅުފަސް ބޯކޮށް ހުރުމާއި ކަޅުކުލަ ގަދަ ފަހުގައެވެ.

ބިން ސާފް ކުރުމުގައި ދަނޑުގައި ހުރި ހުރިހާ ގަހަކާއި ވިނަތައް އުފުރާ ގަލާއި މޫނަގާ ސާފް ކުރަންވާނެއެވެ.

ތަފާތު ގަސްގަހާގެހި ހެއްދުމަށްޓަކައި ބިން ތައްޔާރު ކުރަނީ ތަފާތު ގޮތްގޮތަށެވެ. އެހެން ކަމުން ދަނޑުގައި ވަކި ތަރްތީބެއް ނެތި ގަސްއިންދުމުގެ ބަދަލުގައި އެގަހަކާއި ގުޅޭ ގޮތަކަށް ދަނޑު އޮންނާނެ ގޮތުގެ ފަރުމާއެއް ތައްޔާރުކޮށްލުން މުހިއްމެވެ. މިގޮތަށް ފަސްގަނޑު ތައްޔާރު ކުރާއިރު ވިއްސާރަ މޫސުމުގައި ބެޑް ހަދާނީ އުސްކޮށެވެ. ހަމަ އެގޮތައް ހޫނު މޫސުމުގައި ބެޑްތައް ހަދަންވާނީ ބިމުގެ ލެވެލްއަށް ނުވަތަ އެއަށް ވުރެއް ތިރިކޮށެވެ. ތިރިކޮށް ހުންނަ ބެޑްގެ ވަށާ ކައިރީގެ ފަސްގަނޑު އުސްކޮށް ބެހެއްޓުމަކީ ބޭނުންތެރިކަމަކެވެ.

ބިންގަނޑު ތައްޔާރު ކުރުމުގައި އުދައްޔަކުން ފަސްގަނޑުމަޑުކޮށް ކާދު ފަހާއި އެއްކުރަންވާނެއެވެ. މާ ފަސްގަނޑު ދޫ ބިމެއްނަމަ ބިމަށް އަޅާ ކާދު ގިނަ ކުރަންވާނެއެވެ. މިގޮތަށް ފަސްގަނޑުޖެހުމުގެ ބޭނުމަކީ ބޭކާރު ވިނައިން ގަސްތަކަށް ކުރާ ނޭދެވޭ އަސަރު މަދުކުރުމާއި، ބިންގަނޑު ރަނގަޅުކޮށް ވައިދައުރުކުރުމާއި، ފަސްގަނޑުތެރޭގައި ފެން ދައުރު ކުރުމަށް އެހީތެރިވެދިނުމެވެ. ހަމަ އެހެންމެ ފަސްގަނޑާއި ކާދު އެއްކުރުމުގެ ބޭނުމަކީ ފަސްގަނޑު ހަރުވިޔަ ނުދީ ބިމަށް ކާނާ އިތުރުކޮށް ދިނުމާއި ބިމުގައި ފެނާއި ކާނާ ހިފަހެއްޓުމުގެ ބާރު އިތުރުކޮށްދިނުމުވެ. މީގެ އިތުރުނ ފަސްގަނޑަށްް ކާދު އެއްކުރުމުން ފަހުގެ ޕީ.އެޗް. ދަށްވެ ގަހަށް ބޭނުންވާ ކާނާ ފަސޭހަކަމާއެކު ނަގައިދީ ގަސް ރަނގަޅަށް ހެދި ގަހުގެ މަތިވަރު ރަނގަޅުވެއެވެ.

[މައުލޫމާތު: ދަނޑުވެރިކަމާ ބެހޭ ވުޒާރާ]