ފުވައްމުލަކު ސިޓީގައި އިއުލާންކޮށްފައިވާ ކާފިއު ގަޑީގައި ބޭރުގައި އުޅުނު ހަތަރު މީހަކު ޖޫރިމަނާކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ހަތް ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ރޭގަނޑު 8 އިން ފަތިހު 4 އަށް ކާފިއު ހިންގުމަށް ނިންމާފައެވެ. މި ވަގުތުތަކުގައި ވެހިކަލްތައް ދުއްވުމާއި އާންމުން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މައުރޫފް ވިދާޅުވީ ކާފިއު ގަޑީގައި ބޭރުގައި އުޅެގެން ރޭ ހަތަރު ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި މިފަދަ ދަނޑިވަޅުތަކުގައި މީގެކުރިން ވެސް ފުވައްމުލަކުގެ ރައްޔިތުން ނަމޫނާ ދައްކާފައިވާ ކަމަށާއި އުއްމީދަކީ ނަސޭހަތް ދިނުމުގެ ކުރިން އަމުރުތަކާއި އިރުޝާދުތަކަށް ބޯލެނބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ކާފިއު ވަގުތުތަކުގައި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.