ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އީރާނުގެ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި އިރާނުގެ ނުވަވަނަ ރައީސް ޑޮކްޓަރ ޕެޒެޝްކިއާން އެ ގައުމުގެ ރައީސްގެ މަގާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އަދި އީރާނުގެ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެގައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަގުބަލު ބައްޓަންކުރުމަށް އެގައުމުގެ އާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

އެމަނިކުފާނުގެ މެސެޖުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި ރައީސް ވަނީ އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ސިއްހަތަކަށާއި އީރާނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އަދި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.