ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް، ދަފްތަރު. ނަންބަރު ރސ 13099، އަލްފާޟިލް އަހުމަދު މުނައްވަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.

ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، އަޙްމަދު މުނައްވަރަށް ރައީސް ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަހުމަދު މުނައްވަރާއި ބައްދަލުކުރައްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ގަވަރުނަރު ވަނީ ރާއްޖޭގެ އިގްސާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ބާރުއެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

އަހުމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ. އަދި އަހުމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.