ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އިންޑިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، މިއަދު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ހަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ހާމަކުރައްވާފައި ވެއެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އަދި މި މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މީހުން ސަލާމަތް ކުރުމުގައި އެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުޞަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުން އެދިވަޑައިގަންނަވަމުންނެވެ.