އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ކުރިއަށްގެންދިޔަ ލެވެލް-2ގެ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމާއި ހައި ޕާފޯމަންސް ވޯކްޝޮޕް ނިމުމުގެ ރަސްމިއްޔާތު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފްވެރިކޮށްދެއްވައިފި އެވެ. އައިސީސީ އޭޝިއާ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ކޯހަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ގުޅިގެން ކުރިއަށްގެންދިޔަ ހަތަރު ދުވަހުގެ ކޯހެކެވެ. ޖުލައި 24 އިން 28 އަށް ކުރިއަށްދިޔަ މި ކޯހަށްފަހު ޖުލައި 29-30 ގައި ވަނީ ހައި ޕާފޯމަންސް ވޯކްޝޮޕެކެވެ. އައިސީސީގެ އެންމެ މަތީގެ އިންސްޓަރަކްޓަރުންނާއިއެކު ކުރިއަށްދިޔަ މި ކޯހުގައި ކޯޗުންގެ ޒިންމާތަކާއި، ހުނަރުވެރި ކުޅުންތެރިން ދެނެގަންނާނެ ގޮތާއި، ކުޅުންތެރިންގެ ހުނަރުތައް އިތުރަށް ތަރައްގީކުރާނެގޮތްތައްވަނީ ކިޔައިދީފަ އެވެ. މީގެ އިތުރުން ކްރިކެޓްގެ އެންމެ މުހިންމު ދެ ހުނަރު ކަމަށްވާ ބެޓްކުރުމާއި، ސްޕިން ބޯލިންގެ ހުނަރު ފާހަގަކޮށް އެކަން ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފަ އެވެ. ކްރިކެޓް ބޯޑުގެ އަމާޒަކީ ދިވެހި ކޯޗުންގެ ހުނަރު އިތުރުކުރުމަށް މިކަހަލަ ގިނަ ޕްރޮގްރާމްތަކެއް އައިސީސީއާ ގުޅިގެން ހިންގުމެވެ.