ހުޅުމާލެ ފޭސް 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، އެކްސިޑެންޓުވި ކާރުގެ ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ސޯޝަލް މީޑީއާގައި ދައުރުކުރުވެފައިވާ ސީސީޓީވީ ފުޓޭޖް ވީޑިއޯއިން ސައިކަލެއްގައި ދުއްވާފައި އަންނަ މީހަކު މަގުގެ އެއް ފަަރާތުގައި މަޑުކޮށްލާ މަންޒަރު ފެނެއެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ރަތް ކުލައިގެ ކާރެއް ބާރު ސްޕީޑުގައި އެ މީހާއާ ދިމާލަށް ދުއްވާފައި އަންނަ މަންޒަރު ފެނެއެވެ. ކޮންޓްރޯލުން ނައްޓާލާފައިވާ އެ ކާރުން ޖެހުމާ އެކު، އެ މީހާ ވިއްސައިގެންދާތަންވެސް ވަނީ ފެނިފައެވެ.

ވިނަރެސް ފްލެޓް ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.