ގޯތިތެރޭ ގަސް އިންދައި ހެއްދުން
ގޯތިތެރޭގައި ގަސް ހެއްދުން (ހޯމް ގާޑްނިންގ)
ހޯމްގާޑްނިންގ ނުވަތަ ގޯތިތެރޭ ގަސްހެއްދުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބައެވެ. އަދި ޒަމާނުއްސުރެ ދިވެހިންގެ ގިނަބަޔަކު ކުރަމުންއަންނަ ފައިދާހުރި މަސައްކަތެކެވެ. މިގޮތުން އާމްދަނީ ހޯދުމަށާއި އާއިލާގެ ބޭނުންތަކަށް ގޯތިތެރޭގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހައްދައެވެ.
މިހާރަކަށްއައިސް އިޖްތިމާޢީ، ސިނާޢީ މަސައްކަތްތަކަށާއި ގެދޮރު ބިނާކުރުންފަދަ އިންސާނީ ބޭނުންތަކަށް ރާއްޖޭގެ ބިމުގެ ބޭނުންކުރާ މިންވަރު ވަރަށްބޮޑަށް އިތުރުވަމުންދިއުމާއި ގުޅިގެން ދަނޑުވެރިކަންކުރާނެ ބިން ލިބުމުގެ ދަތިކަންވެސް މިހާރުދަނީ އިތުރުވަމުންނެވެ. އަދި ކަބޯތަކެއްޗާއި އެހެނިހެންތަކެތީގެ އަގު އެއްދުވަހުން އަނެއްދުވަހަށް ދަނީ ބޮޑުވަމުންނެވެ. އެހެން ކަމުން މިފަދަ ދުވަސްވަރެއްގައި ޚަރަދުކުޑަކުރެއްވެން އޮތް ހުރިހާ ކަމެއްކުރުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތުން ގޯތިތެރޭ އޮންނަ ހުސްބިންކޮޅުގައި ބޭނުންތެރި، ކާބޯތަކެތިއަޅާ ގަހެއް ނުވަތަ ގަސްތަކެއް ހައްދާލެވިއްޖެނަމަ އެއީ އާއިލާގެ ޚަރަދުކުޑަވެ ދުޅަހެޔޮކަން އިތުރުކުރުމަށް އެޅޭ ވަރަށް ބޭނުންތެރި ފިޔަވަޅެކެވެ.
ގޯތިތެރޭގައި ގަސްއިންދުމުގެ މުހިއްމު ބައެއް ފައިދާ
- އާއިލާ އަށް ބޭނުންވާ ތަރުކާރިއާއި މޭވާ ތާޒާކަމާއެކު އަތްފޯރާފަށުގައި ލިބެންހުރުން.
- ފައިދާހުރި ކާނާ ބޭނުންކުރުމުގެ ސަބަބުން އާއިލާގެދުޅަހެޔޮކަން އިތުރުވުން.
- އާއިލާގެ ޚަރަދު ކުޑަވުން
- ކެމިކަލްފްރީ ކާބޯތަކެތި ބޭނުންކުރެވޭކަމުގެ ޔަގީންކަން އޮތުން
- އަނބު، ޖަންބު އަދި ބިލެތްފަދަ ބާވަތްތައް ގޯތިތެރޭގައި ހައްދާފައި ހުރިނަމަ އާމްދަނީ ބޮޑަށް އިތުރުވުމުގެ ވަސީލަތަކަށްވުން
- ގޯތިތެރޭގައި ބޮޑެތި ގަސްތައް ހުރިނަމަ ހިރަފުހުން ލިބޭ ގެއްލުން ކުޑަވެ ހިޔާލިބުން
- ހުރިހާ އުމުރެއްގެ މީހުންވެސް ގަސްހެއްދުމުގެ ޝައުގުވެރިވެ އެކަމަށް އަހުލުވެރިވުން
ގޯތިތެރޭގައި އޮންނަ ހުސްބިންކޮޅުގައި ގަސްހައްދާނީ ކިހިނެއް؟
ގޯތިތެރޭގައި އޮންނަ ބިމުގެ ޖާގަ ބޮޑުނަމަ ބިން އޮތް ނިސްބަތަކުން ތަރުކާރީއާއި މެވާގަސް އިންދިދާނެއެވެ. މިގޮތުން އަނބު، ޖަންބު، ޖަބުރޯލް، ފޭރު، ފަޅޯ ފަދަ މޭވާ ގަސްގަހާއި، މިރުސް، ބަށި، ޓޮމާޓޯ، ކިއުކަމްބާ، ކޮޕީ ފަދަ ތަރުކާރީގެ ބާވަތްތައް އިންދިދާނެއެވެ. ތަރުކާރީގެބާވަތްތައް ފަސްގަނޑުޖަހާ ބެޑްހަދައިގެން ބެޑްގައި ނުވަތަ ވަޅުގަނޑުތައްޔާރުކޮށް ވަޅުގަނޑުގައި ނުވަތަ ޕޮޓުގައިވެސް ހެއްދިދާނެއެވެ. ނުވަތަ ޕޮޓްގައިވެސް އިންދިދާނެއެވެ.ގޯތިތ ބިންކޮޅު ކުޑަނަމަ ޕޮޓްގައިވެސް ތަރުކާރީގެބާވަތްތައް ހައްދާލެވިދާނެއެވެ.
ގޯތިތެރޭގައި ގަސްހެއްދުމަށް ޝައުގުވެރިވާ ފަރާތްތައްތަކުން ގޯތީގައި އިމާރާތެއް ހަދާއިރު ގިނައިން ގަސް އެއްދުމަށް ޖާގަ ލިބޭގޮތަށް ގޯތި ޑިޒައިންކޮށްފައި އިމާރާތްތައް ހެދުމަކީ ބޭނުންތެރި ކެމެކެވެ. ބޮޑެތި މޭވާ އަޅާގަސްހުރި ކުރީގެ ގޯއްޗެއްގައި ތަރުކާރީ އިންދަން ބޭނުންވާޖާގަ މާކުޑަނަމަ ބޮޑެތިގަސްގަހުގެ ދުވަސްވީ ގޮފިތައް ކޮށާ ތަރުކާރީ ހައްދާ ބިންކޮޅަށް އަވި ލިބޭގޮތަށް ޖާގަ ބޮޑު ކުރަންވާނެއެވެ. ގޯތިތެރޭގައި ގަސްހައްދާއިރު އެއްވެސްގޮތަކުން ޕޮޓަށްއަޅާ ރަނގަޅު ކަޅުފަސް ނުލިބިއްޖެނަމަ ޕޮޓަށް ބޮނބިކުޑި އަޅައި އަލްބާޓް ސޮލިއުޝަންފަދަ ސޮލިއުޝަނެއް ދީގެން ނުވަތަ ފާޓިގޭޝަން ސިސްޓަމެއްގައި ބައެއްތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ހައްދާލެވިދާނެއެވެ. ނުވަތަ ހައިޑްރޮޕޮނިކްސް ހޮޅި ސިސްޓަމެއްގައި ލެޓިއުސް، ޓޮމާޓޯ، ކިއުކަމްބާފަދަ ބާވަތްތައް ހައްދާލެވިދާނެއެވެ. ގޯތިތެރޭގަސް ހެއްދުމުގައި ގަސްތަކަށް ފަސޭހައިން ފެންދެވޭނެގޮތް އިންތިޒާމުކުރެވިފައި ހުރުމަކީ ވަރަށް މުހިންމުކަމެކެވެ.
ގޯތިތެރޭގައި ގަސްހެއްދުމުގައި ގަސްއިންދާ ވަޅުގަނޑާއި ބެޑް އަދި ޕޮޓް ތައްޔާރު ކުރުމުގަ އާއި ކާނާ އެޅުމުގައި މާބޮޑު ތަފާތެއް ނޯވެއެވެ. ނަމަވެސް ގޯތިތެރޭގައި ގަސްހެއްދުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކާދުފަދަ އޯގަނިކް ގަސްކާނާއާއި ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ބަޔޯޕެސްޓިސައިޑްސް އެވެ. މީހުންނާއި ކުޑަކުދިން ދިރިއުޅޭ ތަނެއްގައި ހައްދާ ގަސްތަކަށް ކެމިކަލް ޕެސްޓިސައިޑްސް އާއި ކެމިކަލް ގަސްކާނާ ބޭނުންކުރުމަކީ މާރައްކާތެރި ކަމެއްނޫނެވެ. މިފަދަ ބޭހެއް ބޭނުންކުރާނަމަ ބޭނުންކުރަންވާނީ ގަސްރަނގަޅުކުރެވޭނެ އެހެންގޮތެއް ނެތުމުން އަދި ބޭހުގެ އަސަރު މީހުންގެ ހަށިގަޑަށް ނުފޯރާގޮތަށް ވިސްނައިގެންނެވެ.
ބިޔަވާގަސް ހެއްދުމުގާއި ވިސްނާލަންޖެހޭ ބައެއް ނުކުތާތަށް
އަނބު، ޖަންބު، ޖަބުރޯލް، ކުންނާރު ފަދަ ގަސް ގޯތިތެރޭގައި ހައްދާނަމަ ގްރާޕްޓްކުރި ގަސް ނުވަތަ ފޯދިފައިހުރި ގަހެއްގެ ގޮތްޕެއްގައި ވެލިބަނދެ މޫލައްވައިގެން އިންދުމުން ގަސް އަވަހަށްފޯދި ކުޑަކޮށް ހުއްޓާ މޭވާ އަޅާނެއެވެ. ގަސް ކުޑަކޮށް ހުރުމުން ގޯތީގައި އެއްގަހަށްވުރެ ގިނަ މޭވާގަސް ހެއްދުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގަސް ކުޑަކޮށް ހުރުމުން މޭވާ ބިނުމަށާއި ގަަހަށް ފަރުވާދީ ބަލަހައްޓަން ފަސޭހަވާނެއެވެ. އަދި ތަރުކާރީގަސްތަކަށް ބޭނުންވާ އަވިލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ގޯތީގައިހުރި ތަރުކާރީ ނުވަތަ މޭވާގަހެއް ދުވަސްވެ ބިޔަވެއްޖެނަމަ ގަސްކޮށާ ދުވަސްވީގޮފިތަށް މަދުކޮށް ގަހަށް ކާނާދީ ބެލެހެއްޓުމަކީ ގަހުން އައު ކުރިތައް ފަޅައިގެން ހެދި މަތިވަރު ރަނގަޅުވާ ކަމެކެވެ.
ތިރީގައި މިވަނީ ގޯތީގެ ތަފާތު މާހައުލުގައި ހެއްދިދާނެ ބައެއް ބާވަތްތަކެވެ.
-ތެތްފިނިކަން ލިބޭ ފެންތިލަ ތަންތާގައި ހެދޭ ބައެއްގަސްގަސް
އަލަ، ފަތްކެޔޮ، ހިކަނދިފަތް، ރާނބާފަތް، ބިލިމަގު، ޖަންބު، އަނބު، ކަޅުހުއްތުމޭވާ
ބޮޑެތިގަސްގަހުގެ ހިޔާލިބޭ ހިސާބުގައި ހެދޭ ބައެއް ގަސްގަސް
ހިކަނދިފަތް، ރާނބާފަތް، ބިލެތް، މަތިވައް، ކަންކުން، ބައެއްވައްތަރުގެ ބަގީޗާ
ބޮޑަށް އަވި ބޭނުންވާ ބައެއް ގަސްގަސް
ބަށި، މިރުސް، ޓޮމާޓޯ، ކޮޕީ، ލީކްސް، ޕެޝަންފުރުޓް، ތޮޅިފަދަ ބާވަތްތައް
ތިރީގައި މިވަނީ ގަހަށް ބަލިޖެހުން ދުރުކުރުމަށްޓަކާ ކުރެވިދާނެ ބައެއް ކަންތައްތައް
- ކްރޮޕް ރޮޓޭޝަން ( އެއްބިމެއްގައި އެކިފަހަރު އެކިއާއިލާގެ ގަސް ހެއްދުން)
- އިންޓަރ ކްރޮޕިންގ (ތަފާތު އާއިލާގެ ގަސް އެއްތަނެއްގައި އިންދުން)
- މުޑުވަށް ކުރުމަށާއި ޕޮޓަށްއަޅާ ފަހާއި ގެރިގުއި ފަދަތަކެތި ސްޓްރެލައިޒް ކުރުން ނުވަތަ ހޫނުކޮށް އޭގައިވާ ޖަރާސީމުތަށް ނައްތާލުން
- މާބޮޑަށް ބަލިޖެހިފައިވާ ގޮފިތައް ކަނޑާ އަންދާލުން
- ފަނިފަކުސާ އައުން މަދުކުރުމަށްޓަކައި ނީމްއޮއިލްފަދަ އިންސެކްޓް ރެޕެލެންޓްއެއް ބޭނުންކުރުން
- ފަނިފަކުސާ އޭގެ ޅަ އުމުރުގައި، ބައްޔެއްނަމަ ބަލީގެ ކުރީ ކޮޅުގައި ބޭސް ސްޕްރޭކުރުން.
- ގަސް މަލްޗްކުރުން
- ގަސްތަކަށް ގަވައިދުން ކާނާދީ ބެލެހެއްޓުން
މައުލޫމާތު ފޯރުކޮށްދެއްވީ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ