މަސްކަނދުފަތިތައް އިތުރުކުރުމުގައި ސަމާލުކަން ދޭންވީ މުހިންމު ކަންތައްތަކެއް އެބަހުރިކަމަށާއި ކަނދުފަތިތައް އިތުރުކޮށްފިނަމަ ކުދިމަސް ބޭނޭ މިންބަރު އިތުރުވެ، ލިބޭ ފައިދާ ދަށްވެދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ގުޅޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ފަހިރޯދި ޕްރޮގްރާމްގައި ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުއްޠަލިބު ވިދާޅުވި ގޮތުގައި މިހާރު ކަނދުފަތިތައް އަޅާފައި ހުންނަ ހިސާބުގައި މަސް ހުރެއެވެ. ނަމަވެސް މަސް އައިނު އެއް ކަނދުފަތި ކައިރީގައި ގިނަ ދުވަހު ހުންނަ މިންވަރު މަދުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރުގެ ކަނދުފަތި ވިއުގައިގެ ބޭރުގައިވެސް ކަނދުފަތި އެޅިދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންނަމަވެސް، އެގޮތަށް ކަނދުފަތި އިތުރުކުރުމުން ކުދި ކަންނެލި އަދި މަސް ބޭނޭ މިންވަރު އިތުރުވެގެން ދިއުމަކީ ވެދާނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުދި މަސް ގިނައިން ބޭނުމަކީ މި ސަރަހައްދުގެ ކަނޑުމަހުގެ ސްޓޮކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމެއް ކަމަށް މުއްޠަލިބު ވިދާޅުވިއެވެ. ދިވެހި މަސްވެރިން ކުރަނީ ވަރަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށާއި، އެހެންކަމުން ކުދި މަސް ގިނައިން ބާނާ ވަރަކަށް އޭގެއިން ލިބޭ ގެއްލުން އިތުރުވެދާނެކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްކަނދުފަތިތައް އިތުރުކުރުމުގައި މި ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރ މުއްޠަލިބު އިތުރަށް ފާހަގަކުރެއްވިއެވެ.