ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ 100 ވަނަ ޕްރޮގްރާމް ފުވައްމުލަކުގައި ފަށައިފިއެވެ.

މިއަދު ފުވައްމުލަކު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަސީލެވެ. މި ރަސްމިއްޔާތުގައި ސިޓީ ކޮމާންޑަރު ވިދާޅުވެފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން އެހެން މީހުންނަށް ބުނެދިނުމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަަކީ މުހިއްމު ކަންކަން ކަމަށެވެ. މީގެއިތުރުން މަގުމަތީގައި ގަވާއިދާ ހިލާފަށް ދުއްވައިފިނަމަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާކަން ވެސް ކޮމާންޑަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ފުވައްމުލަކު ސްކޫލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުވައްމުލަކު ސްކޫލުގެ 32 ދަރިވަރުންނާއި ހާފިޒް އަހްމަދު ސްކޫލުގެ 34 ދަރިވަރުންނާއި ޏ.އަތޮޅު ތައުލީމީ މަރުކަޒްގެ 27 ދަރިވަރުންނާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ 31 ދަރިވަރުން ހިމެނޭހެން ޖުމްލަ 124 ދަރިވަރުން ބައިވެރިވެއެވެ. މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ނަގަހައްޓާ ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގައި އަމަލީގޮތުން ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އެކަމަށް ދަރިވަރުން ތަމްރީނުކުރުމަށްޓަކައި ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.