މެންޗެސްޓާ ސިޓީގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒްއަށް ޕީއެސްޖީ އަދި އެޓްލެޓިކޯ މެޑްރިޑުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.

އިޓަލީގެ ފުޓުބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި ޕީއެސްޖީ އާއި އެޓްލެޓިކޯ މެޑްރިޑުން އަންނަނީ ޓްރާންސްފާ ވިންޑޯ ހުޅުވުނު ފަހުން އަލްވަރޭޒްގެ އޭޖެންޓަށް ގުޅައިގެން އޭނާ ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ޕީއެސްޖީ އާއި އެޓްލެޓިކޯއިން އަލްވަރޭޒަގެ ސޮއި ހޯދުމަށް ވާދަކުރަމުން އަންނަ އިރު މި ހަފްތާގެ ދުވަހެއްގައި އަލްވަރޭޒްގެ އޭޖެންޓު އޭނާގެ ކުރިމަގާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސިޓީގެ މެނޭޖްމަންޓާ ބައްދަލުކުރާނެ ކަމަށް ފަބްރީޒިއޯ ވަނީ ހާމަކޮށްފައެވެ. މި ބައްދަލުވުން ނިމުމުން އަލްވަރޭޒްގެ ކުރިމަގު އޮތީ ސިޓީގައިތޯ ނުވަތަ އެހެން ކްލަބެއްގައިތޯ ޔަގީން ވެގެންދާނެއެވެ.

ސިޓީއިން ހާމަކުރާ ގޮތުގައި އަލްވަރޭޒް އެ ކްލަބު ދޫކޮށްލަން ބޭނުންވާނަމަ އެ ކްލަބުން އެކަމަކަށް ހުރަހެއް ނާޅާނެއެވެ. ނަމަވެސް ބޮޑު ފީއެއް ލިބުމުން ނޫނީ އަލްވަރޭޒަ ވިއްކައި ނުލާނެކަމަށް ސިޓީއިން ވަނީ ހާމަކޮށްފައެވެ.

2022 ވަނަ އަހަރުގެ އާޖެންޓީނާގެ ރިވާ ޕްލޭޓްއިން 18 މިލިއަން ޑޮލަރުގެ އަގަކަށް މެންޗެސްޓާ ސިޓީއާ ގުޅުނު އަލްވަރޭޒްއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އޭނާ ވަނީ ސިޓީއަށް 103 މެޗު ކުޅެދީ 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އަލްވަރޭޒް ވަނީ ސިޓީއާއެކު ޖުމްލަ 6 ތަށި ކާމިޔާބު ކޮށްފައެވެ.