މިރުހަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހައްދާއުޅޭ އަދި ހެއްދިދާނެ ގަހެކެވެ. ރާއްޖޭގައި ޢާއްމުކޮށް ހައްދާއުޅެނީ ތޮޅިމިރުހާއި ގިތެޔޮމިރުހެވެ. ޢާންމުކޮށް ހައްދައި އުޅޭ ގިތެޔޮ މިރުހުގެ ވައްތަރުތަކުގެ ތެރޭގައި ފަގުޑި މިރުސް، ފިއްތި ގިތެޔޮ މިރުސް، އާދައިގެ ގިތެޔޮ މިރުސް އަދި މިނޫންވެސް ވައްތަރުތައް ހިމެނެއެވެ. މިގޮތުން ހައްދައި އުޅޭ ތޮޅި މިރުހުގެ ތެރޭގައިވެސް ބައްޓަމާއި ބޮޑުމިން އަދި ކުލަތަފާތު މިރުސް ހިމެނެއެވެ.
ބިން ތައްޔާރުކުރުން
ޚިޔާރުކުރާ ބިމަކީ ކަޅުފަސްހުރި، ލޮނުގެ އަސަރު ނުފޯރާ ބިމަކަށް ވާންވާނެއެވެ. ބިން ސާފުކުރުމަށްފަހު 1 ފޫޓް އަޑިއަށް ފަސްގަޑުޖަހާ ބޮޑެތިގަލާއި މޫނެގުމަށްފަހު ފަސްގަނޑު އެއްވަރުކޮށްލާށެވެ.
މުޑުވައް
މުޑުވައްކުރުމަށްޓަކައި، ބަލިނުޖެހި ރަނގަޅަށް ހެދޭ ގަހަކުން، ރަނގަޅަށް ދޮންވެފައިވާ މިރުހެއް ހޯދައި އޮށްނަގާށެވެ. މި އޮށްތައް ދޮވުމަށްފަހު، އަޅިކޮޅަކާއި އެއްކޮށްފައި ހިޔަލުގައި ބަހައްޓައިގެން ހިއްކާލާށެވެ. މިގޮތަށް ހިއްކާއޮށް ނުއިންދާ ގިނަދުވަހު ބެހެއްޓުމުން ނުފަޅާގޮތްވެދާނެއެވެ.
ވީމާ، އޮށްނަގާތާ 1 ހަފްތާ ތެރޭގައި އިންދުން ރަނގަޅުވާނެއެވެ.
މުޑުވަތް ކުރަން ގަސްދުކުރާބިން، ފަސްގަނޑުޖަހާ، ބޮޑެތިގަލާއި މޫނަގާށެވެ. އެއަށްފަހު ކުޑައަޅިކޮޅެއް ފަސްގަނޑާ އެއްކޮށްލުމަށްފަހު ފަސްގަނޑު އެއްވަރުކޮށްލާށެވެ. ދެން ހޯދައިފައިވާ މުޑުވައްއޮށް އިންދާށެވެ. އޮށް އިންދާނީ ދެބަރިދޭތެރޭގައި 2 އިންޗި ހުންނަ ވަރަށް، އޮށުގެ ވަށަމިނުގެ ހަަތަރުބައިކުޅަ އެއްބައި ފުންމިނުގައެވެ. އޮށްތައް އިންދުމަށްފަހު ގަދަ އަވި ނުދޭނޭހެން މަތި ހިޔާކޮށްފައި ބަހައްޓާށެވެ. ގަސްތައް ފަޅައިގެން 6 އިންޗިއަށް ހެދުމުން އެހެރީ ރުވާވަރުވެފައެވެ. ގަސްތައް ރުވާވަރުވަންދެން، ވާރޭނުވެހޭނަމަ ދުވާލަކު ދެފަހަރު ފެންދޭންވާނެއެވެ.
އިންދާ ބެލެހެއްޓުން
ތައްޔާރުކުރި ބިމުގައި 6 އިންޗިއަށް ހެދިފައިހުރި ގަސްތައް ރުވާށެވެ. ތޮޅިމިރުސްނަމަ ދެގަސްދޭތެރޭގައި 3 ފޫޓް، ދެބަރިދޭތެރޭގައި 4 ފޫޓް، ގިތެޔޮމިރުސް ނަމަ ދެގަސްދޭތެރޭގައި 4 ފުޓް، ދެބަރިދޭތެރޭގައި 5 ފޫޓް ހުންނަ ވަރަށް އިންދާށެވެ. ގަސްތައް އިންދުމަށްފަހު ހިޔާކޮށްލުމުން ގަސްތަކަށް ރަނގަޅުވާނެއެވެ.
ބަލި އަދި ފަރުވާ
ޢާއްމުކޮށް މިރުސް ގަހަށްޖެހޭ ބަލިތަކަކީ، ފަތުގައި ފަނިދުވުން، ފަތްގުރުޑުވުން އަދި ކޫޑިއެޅުމެވެ. މީގެތެރޭގައި ހުދު ކޫޑިއާއި، ކަޅުކޫޑިހިމެނެއެވެ.
• ފަތުގައި ފަނިދުވެފައި ހުންނަ ގޮތަށް ފެންނާނީ، އޭގައި އަޅާ ފަންޏެއް އެފަތުގެ އެތެރެކަމުން ގެންދާތީއެވެ.
• ފަތް ކުރުޑުވާބަލި ޖައްސަނީ، ތަންމަކުނެއްގެ ސިފައިގައިވާ ކުޑަ ސޫތްޕެކެވެ. މި ސޫފި ހަމަލޮލަށްވުރެ ފަސޭހައިން ބޮޑުކުރާ ބިއްލޫރިން ފެންނާނެއެވެ. ފަތް ކުރުޑުވާން ފެށުމުން ފަތުގެ ސިފަގެއްލި، ފަތުގެ އެކިފަރާތުން ތަންތަންކޮޅުން ހިއްލި، ފަތް ބޮނޑިވާގޮތްވެއެވެ.
• ހުދު ކޫޑި އެޅުމުން ފަތުގެ ދަށްފަރާތުގައި ހުދުކުލައިގެ ކަފަފަދަ އެއްޗެއް ހުރުމާއެކު ގުނބޯލަކާ ވައްތަރު ކުޑަ ދިރޭ އެއްޗެއް އިންނާނެއެވެ.
• ކަޅުކޫޑިއަކީ ކަޅުދިރި ފުއްތަކެއްހެން ފަތުގެ ދަށްފަރާތުގައި އުޅޭ ކުދިކުދި ސޫފިތަކެކެވެ. މިހުރިހާ ބައްޔަކަށްވެސް ފަނިފަކުސާ މެރުމަށް ބޭނުންކުރާ ފަދަ ބޭހެއްޖެހުމުން ރަނގަޅުވާނެއެވެ.
[މައުލޫމާތު ފޯރުކޮށްދެއްވީ ދަނޑުވެރިކަމާ ބެހޭ ވުޒާރާ]