ބުޅަލަކީ އަބަދުވެސް ތަންތަނަށް އަރައި ފައިބަން ފޯރި ހުންނަ ޖަނަވާރެކެވެ. އަދި ކުޅުމާއި ފުންމުމަކީ އޭގެ ތަބީއީ ސިފައެކެވެ. މިފަދަ ބުޅާތަކުގެ ތެރޭގައި ވެސް ތަފާތު ހުނަރު ލިބިފައިވާ ބުޅާތައް އުޅެއެވެ.
ޗައިނާގެ ރައްޔިތަކު ގެންގުޅޭ "ސްޕައިޑާ ކެޓް" އަކީ މީގެ ލާމަސީލު މިސާލެކެވެ. އެ ސޮރުގެ ހުނަރުވެރިކަން ހުރީ އެހެން ބުޅާތަކަށްވުރެ މާމަތީގައެވެ. އެ ބުޅަލަށް ސްޕައިޑާ ކެޓް ކިޔަނީ ސްޕައިޑާ މޭން އުޅޭހެން ފާރަށް އަރައި ދުވެ ހެދުމަށް ފަރިތަކަމުންނެވެ. އޭގެ އަސްލު ނަމަކީ ގިގީ އެވެ. އެއްވެސް ތުރާ ކަމެއްނެތި ފާރުގައި އެސޮރު ދުވާ ވީޑިއޯއެއް މިހާރު ވަނީ އާންމު ވެފައެވެ.
މި ބުޅަލުގެ ސާހިބު މީހާއަކީ ހައި ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދާ މިސް ލުއޯ އެވެ. އޭނާ ވަނީ ބުޅަލާ ބެހޭ މައުލޫމާތު ނޫހަކާ ހިއްސާ ކޮށްފައެވެ. އޭނާ ބުނެފައިވަނީ މި ބުޅަލަކީ އަބަދުވެސް އުސްތަންތަނަށް އަރައި ފޭބުމާއި ފުންމައި ހެދުމަށް ފޯރި ހުންނަ ބުޅަލެއް ކަމަށެވެ. މި ބުޅާ އެސޮރުގެ މުޅި ދުވަސް ވޭތު ކޮށްލަނީ މި ފަދައިން ތަކުރާރުކޮށް ކަންތައް ކުރަމުގައި ކަމަށް ވެސް މިސް ލުއޯ ބުނެފައިވެއެވެ.
"ގިގީ ވަރަށް ފޯރިއާއެކު ފާރު އަދި ދޮރު ފަދަ ތަންތާނގެ މައްޗަށް އަރައި ފުންމައި ހަދާނެ. އުސްތަނެއް ފެނިއްޖެ ނަމަ ގިގީ އަބަދުވެސް ބަލާނީ އެތަނަކަށް އަރައި ފުންމޭތޯ،" މިސް ލުއޯ ބުނެފައިވެއެވެ.
ގިގީގެ އާދަޔާ ޚިލާފު މިހަރަކާތްތައް އެންމެ ފުރަތަމަ ފެންނަން ފެށި ދުވަސްކޮޅު ލުއޯ އިންނަނީ އެސޮރު ވެއްޓި އަނިޔާއެއް ވެދާނެތީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަމަވެސް މިހާތަނަށް ގިގީއަށް ނާކާމިޔާބު ވެފައެއް ނުވެއެވެ.
ލުއޯ ވަނީ އޭނާގެ ބުޅާ ފާރުމައްޗަށް އަރައި ދުވާތަން ވީޑިއޯ ކޮށްފައެވެ. އޭނާ ބުޅަލުގެ ވީޑިއޯތައް ރެކޯޑުކުރަން ފެށީ މިދިޔަ މަހުއެވެ. އެ ފަހުން އޭނާވަނީ އާދަވެގެން ބުޅަލުގެ މި ފަދަ ވީޑިއޯތައް އަޕްލޯޑު ކޮށްފައެވެ. ފަހުން މި ވިޑިއޯތަކުގެ ތެރެއިން ވީޑިއޯ ވަނީ ޓިކްޓޮކްގައި މަޝްހޫރުވެފައިއެވެ.
މި ބުޅާ ފައިދިގު މަކުނެއްހެން ފާރުގައި ދުވާތަން ފެނުނު ގިނަ ބަޔަކަށް އެކަން ވެފައިވަނީ އަޖައިބު ކުރުވަނިވި ކަމަކަށެވެ. މި ވީޑިއޯތަކަށް ގިނަ ބަޔަކު ކޮމެންޓުކޮށްފައިވާއިރު އެކަކު ވަނީ މި ބުޅަލަކީ ސްޕައިޑަރ މޭންގެ ބުޅާ ވާރޝަންތޯ ސުވާލު ކޮށްފައެވެ.
އެއްބަޔަކު ބުޅަލުގެ ހުނަރަށް ތައުރީފު ކޮށްފައިވާއިރު އަނެއް ބަޔަކު ކަންބޮޑުވެފައިވަނީ އެގޭގެ ފަރުނީޗަރަށް ގެއްލުން ލިބިދާނެ ކަމަށްޓަކައިއެވެ. ބުޅަލަކީ އުފެދުމުގައިވެސް އުސްތަންތަނަށް އަރައި ފުންމުމުގެ ގާބިލު ކަން ލިބިފައިވާ ޖަނާވާރެކެވެ. އޭގެ ފައިގެ އިތުރުން ބުރަކަށީގެ ހުންނަ މަސްތަކަކީ ވަރުގަދަ މަސްތަކެކެވެ. އެހެން ކަމުން އެއްވެސް އަނިޔާއެއް ނުވެ ކިތަންމެ އުސްތަނަކުން ވެސް އެ ބޭނުން ދިމާއަކަށް ފުންމައިލުމުގެ ގާބިލުކަން ވަނީ ގުދުރަތުން އެއަށް ދެއްވައިފައެވެ.
ބުޅަލުގެ ދިގު ވަކިތަކުގެ ސަބަބުން ގަސް އަދި މިނޫންވެސް އުސްތަންތަނަށް އެރުމަށް ފަސޭހަވެއެވެ. މަދު ސިކުންތުތަކުގެ ތެރޭގައި މައްޗަށް އަރައި ފޭބުމަކީ ބުޅަލަށް އުނދަގޫ ކަމެއް ނޫނެވެ.