ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާހަނދުވަރު، މުހައްމަދު ނިމާލް، މިއަދު އައްޔަނުކުރައްވައިފިއެވެ.

މީގެ ކުރިން މުޙައްމަދު ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް މުހައްމަދު ނިމާލް އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް މުހައްމަދު ނިމާލް ވަނީ ފުރުއްވާފައެވެ.

މުހައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.