ކޮމަންވެލްތް ޔޫތު އެވޯޑް 2021އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވީ، ކޮމަންވެލްތުގެ ޔޫތު އެވޯޑް 2021 އަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ އިތުރުން މިއެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ސަރަޙައްދީ ދާއިރާތަކުގެ ތެރޭގައި އެފްރިކާ، އޭޝިއާ، ކެރީބިއަން، ޔޫރަޕާއި ކެނެޑާ އަދި ޕެސިފިކް ސަރަޙައްދު ހިމެނެއެވެ. މި ސަރަޙައްދުތަކުގެ ކޮމަންވެލްތް މެމްބަރު 54 ޤައުމުގެ ޒުވާނުންނަށް މި އެވޯޑަށް ކުރިމަތިލެވޭނެކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމަންވެލްތް ޔޫތު އެވޯޑް ދިނުމުގައި ބަލާ ޝަރުތުތަކުގެ ތެރޭގައި ކޮމަންވެލްތް މެމްބަރު ޤައުމެއްގެ 15 އަހަރާއި 29 އަހަރުގެ ރައްޔިތެއްކަމުގައިވުމާއި، ތަރައްޤީގެ އެކި މަސައްކަތްތަކުގައި މަދު ވެގެން 12 މަސްދުވަސް ވަންދެން ވޮލަންޓިއަރކޮށް ނުވަތަ ފަންނީ ހައިސިއްޔަތުން ހަރަކާތްތެރިވެފައިވުން ހިމެނެއެވެ.

މީގެއިތުރުން ޤައުމުގެ ކުރިއެރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އެ މީހެއްގެ ފަންނީ ޤާބިލްކަން ބޭނުންކޮށްގެން ކޮށްފައިވާ މަސައްކަތްތަކަށް ވެސް ބަލާނެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ކޮންމެވެސް 1 ލަނޑުދަނޑިއެއް ޙާސިލްކުރުމަށް މަސައްކަތްކޮށްފައިވުންވެސް ހިމެނެއެވެ.

ފައިނަލިސްޓުންނާއި، ރީޖަނަލް ވިނާސް ހޮވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި ފާހަގަކުރާ "ކޮމަންވެލްތް ވީކް"ގެ ތެރެއިންނެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 20 ފައިނަލިސްޓަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ، އަދި އޭގެން ކޮންމެ ފަރާތަކަށް ޚާއްސަ ޓްރޮފީއަކާއި، ސެޓިފިކެޓެއްގެ އިތުރުން 1000 ޔޫރޯގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ 20 ފައިނަލަސްޓުންގެ ތެރެއިން ކޮންމެ ސަރަޙައްދީ ދާއިރާއަކުން ރީޖަނަލް ވިނާސްގެ ގޮތުގައި އިތުރު 2000 ޔޫރޯގެ ފައިސާގެ އިނާމް ދޭނެއެވެ. ހަމައެހެންމެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން "ކޮމަންވެލްތް ޔަންގް ޕަރސަން އޮފް ދަ އިޔަރ 2021 ހޮވާ، އެ ފަރާތަކަށް 5000 ޔޫރޯގެ ފައިސާގެ އިނާމެއްވެސް ކޮމަންވެލްތުން ވަނީ ހުށަހަޅާފައެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަމަހުގެ 21 ވަނަ ދުވަހުގެ ކުރިން https://commonwealth-youthexcellence.awardsplatform.com މި ލިންކް މެދުވެރިކޮށް އެވޯޑަށް ނަން ހުށަހެޅޭނެކަމަށެވެ