ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސިލެންސީ ގޮލަމް ސަރްވާރް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސާކްގެ ފަރާތުން މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި މި ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސާކްގެ ކުރިއެރުމަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް ތައުރީފުކުރެއްވިއެވެ. އަދި ސަރަޙައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ރައީސް އައުކުރެއްވިއެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުޢިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާގައުމެއްކަން ފާހަގަކުރެއްވިއެވެ.

ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގައެވެ. ދިވެހިރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ގައުމެއްވެސްމެއެވެ.