ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ފަލަސްޠީނުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު މުސްޠަފާ ނަޖުމާ ބައްދަލުކުރައްވައިފިއެވެ.

ވަޒީރު ޝަހީމް ޑރ. މުޙައްމަދު މުސްޠަފާއާ ބައްދަލުކުރައްވައިފައިވަނީ މައްކާގައި މިހާރު ކުރިއަށްދާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކޮންފަރެންސްގެ ތެެރެއިންނެނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމްވަނީ ފަލަސްޠީނުގެ ވަޒީރު ޑރ. މުޙައްމަދު މުސްޠަފާ ނަޖުމުއަށް ރާއްޖެ ވަޑައިގެން އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާއެއް ދެއްވުމަށް ދަޢުވަތު ދެއްވައިފައެވެ. އަދި ފަލަސްޠީނުގެ ވަޒީރު ވަނީ ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ވަޒީރު ޑރ. ޝަހީމް ސަޢުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ވެސް މިހާރު ވަނީ ބައްދަލުކުރައްވައިފައެވެ.