އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް 1.6 މެގަވޮޓުގެ ޖެންސެޓެއް އެ ސިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.
އައްޑޫ ސިޓީގައި މިހާރު ހަރު ކުރެވިފައި ހުރި ޖެންސެޓުތަކުގެ ތެރެއިނ،ް 1.8 މވ ގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާއި މަގުހެދުމުގެ މައްސަކަތްތަކުގެ ތެރެއިން އެޗް.ވީ ކޭބަލާއި ނެޓްވޯކަށް ގެއްލުންވުމާ ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
1.8 މވ ގެ މި ޖެނެރޭޓަރު މަރާމާތުކުރުމަށް ބޭނުންވާ ސްޕެއަރް ކޮމްޕޯނެންޓްތައް ރައްޖެއިން ލިބެންނެތުމުންވެސް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ދަތިވެފައިވާކަމަށް ފެނަކައިން ބުނެފައިވެެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ނިމިދިޔަ ޖުލައި މަހު ގޯސްވެ، ރައްޔިތުންގެ މަޖިލީހުގައި ކުއްލި މައްސަލައެއްވެސް ހުށަހެޅިފައިވެއެވެ. މިމައްސަލައާ ގުޅިގެން އައްޑޫސިޓީގެ ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް ފެނަކައިން ވަނީ މަޢާފަށް އެދިފައެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތް ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރުމަށ،ް ޑީސެލް ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޯރް އައްޑޫ ސިޓީގެ ނަމުގައި ޑޮންފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހާވާލުކޮށްގެން ޒަމާނީ ޕަވަރ ހައުސް އެއް ޤާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެވި މަސައްކަތް މިހާރު ފެށިފައިވާކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.