ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމު ގޮތުން ދިވެހި ސަރުކާރާއި ޗައިނާގެ 'ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' އާއި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސާ' އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ "މޯލްޑިވްސް - ސިޗުއާން ޓްރޭޑު އެންޑު އިންވެސްޓުމަންޓު ކޮންފަރެންސް" ގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޢަލީ އާމިރެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ "ސިޗުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް ޝޫ ބިން އަދި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" ގެ ފަރާތުން ޕްރެޒިޑެންޓް މޫ ޖިންގއީއެވެ.

މި އެއްބަސްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ތަރުކާރީ، މޭވާގެ، އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމާއި، އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުން ހިމެނޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި، މި އެއްބަސްވުމުގެ ދަށުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކަމާގުޅުންހުރި އެކިއެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން ހިމެނޭކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

މި ކޮންފަރެންސްގައި ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންތެރި ބައެއް މެޝިނަރީތަކާއި ޓެސްޓު ކިޓްތައްވެސް ހަދިޔާ ކުރެއްވިއެވެ. މި ހަދިޔާ ރަމްޒީގޮތުން ބަލައިގަތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. އާއިޝަތު ރަމީލާއެވެ.

ދަނޑުވެރިކަމާބެހޭ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުގެ މަތިން، މި ހަދިޔާގެ ޖުމްލަ އަގަކީ 100,000 ޗައިނީސް ޔުއާން ނުވަތަ 224,754 ދިވެހި ރުފިޔާއެވެ. މި ހަދިޔާއަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމެއްކަމުގައި ބެލެވެއެވެ.