ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، (އެސްޓީއޯ)ން މާލޭގައި 25 ފަންގިފިލާގެ މަލްޓިޕާޕަސް އިމާރާތެއް އަޅަން ނިންމައިފިއެވެ.

އެސްޓީއޯއިން މިކަން ހާމަކުރީ އެކުންފުނިން ގެޒެޓްކުރި އިއުލާނުގައެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުގައި، އެސްޓިއޯއިން 25 ފަންގިފިލާގެ ކޮމާޝަލް އިމާރާތެއް އެޅުމަށް ނިންމާފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރުމަށެވެ.

އަދި އެ އިމާރާތް އެޅުމަށް ނިންމާފައިވަނީ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ 15،000 އަކަ ފޫޓުގެ ބިމެއްގައިކަމަށާއި އެއިމާރާތުގައި އޮފީސް ޖާގައަށް ހާއްސަ ބަޔަކާއި ޓްރެއިނިން ސެންޓަރަކާއި މަލްޓިޕާޕަސް ހޯލާއި ކެފެޓީރިއާއާއި ރެކްރިއޭޝަނަށް ހާއްސަ ބަޔަކާއި ވެލްނެސް ސެންޓަރ ފަދަ ތަންތަން ހުންނާނެ ކަމަށްވެސް އެސްޓިއޯއިން ބުނެފައިވެއެވެ.

މިއިމާރާތް ތަރައްގީ ކުރަނީ މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ. ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުންނެވެ.

އެ ކުންފުނިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. މި ފުރުސަތު ހަމަވާނީ މިމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.