ރާއްޖެ މިއަދު ދެކެމުން މިދާ ތަރައްގީވެފައިވާ ފަތުރުވެރި ކަމަކީ ބައެއްގެ ގުރުބާނީއެވެ. ބައެއްގެ ދަލާއި ލޭ ގުރުބާން ކޮށްގެން ކޮޅަށްޖެހި ފަތުރުވެރި ކަމެކެވެ. އޭގެ ސަބަބުން އެންމެހާ ދިވެހީންނަށް މިވަނީ ތަނަވަސްކަން ލިބިފައެވެ. ފުދުންތެރިންނަށް ވެފައެވެ.

އެ ފަތުރުވެރިކަމަށް 49 އަަހަރު ފުރޭ އިރު ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްކޮށް އެ ސިނާޢަތު ކޮޅަށްޖަހަން މަސައްކަތްކުރި އެންމެހާ ފަރާތްތަކަށް ތަޢުރީފާއި ޙައްޤު ޝުކުރު ހުއްޓެވެ.

ދިވެހި ރާއްޖެއަށް ފަތުރު ވެރިކަން ތަޢާރަފު ވުމަށް މެދުވެރިވި ފަރާތަކީ ޖޯޖް ކޯބިން ނަމަކަށް ކިޔާ މީހެކެވެ. ކޯބިން އަކީ ގައުމުތަކަށް ޒިޔާރަތްކޮށް އައު ތަންތަން ބަލައި އެތަންތަނުގެ ކަންތައްތައް ތަޖުރިބާ ކުރާހިތްވި މީހެކެވެ.

ކޯބިން ފުރަތަމަ ރާއްޖެއަށް އައިސްފައިވަނީ 1971 ވަނަ އަހަރު އެވެ. އެދަތުރުގައި އޭނާވަނީ ރާއްޖޭގައި ހުރީ ހަމައެކަނި ހިކި މަހާއި ކުފުރާން ނޫންކަން ދަނެގެންފައެވެ. ކުދިކުދި މުތީ ތަކެއްފަދަ ދިވެހީންގެ ރަށްތަކަކީ، އަގު ނުކުރެވޭ ފަދަ މުއްސަނދި ޚަޒާނާއެއްކަން ދިވެހީންނަށް ބުނެދިނީ އޭނާއެވެ. އެހެން ކަމުން އޭނާއަށް ޚާއްސަ ޝުކުރެއް ދަންނަވަން ޖެހެއެވެ.

ކޯބިންގެ އޭރުގެ މަސައްކަތަކީ ޓްރެވަލް އެޖެންސީއެއް ހިންގުމެވެ. އޭގެތެރެއިން ފަތުރުވެރިންގެ ދަތުރުތައް ހަމަޖައްސައި ރާވައި ހެދުމަކީ އޭރުވެސް އޭނާއަށް އާދައިގެ ކަމެކެވެ. އޭނާ އެ މަސަކަތް ކުރީ އިންސާނުންގެ ހަލަބޮލި ކަމުން ސަލާތްވެފައިވާ ޤުދުރަތީ އައު ތަންތަން ހޯދުމަށެވެ. މި ރީތި ޖަޒީރާ ރާއްޖެ އޭނާގެ ސަމާލުކަމަށް އައީ އެ މަސައްކަތުގެ ތެރެއިންނެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރީން އައިސްފައިވަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. ބާވީސް މީހުންގެ މައްޗަށް އެކުލެވޭ އެ ގުރޫޕް ރާއްޖެއަށް އައިސްފައިވަނީ 1972 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ އިޓަލީ ވިލާތުގެ ބައެކެވެ. އޭރު ރާއްޖެ މިދެކޭ ޒަމާނީ ފަތުރުވެރިކަން މިހިސާބަށް އަންނާނެ ކަމަށް ހީވެސް ކުރެވިފައެއްނެވެ. އިޓަލީގެ މި ގުރޫޕު ރާއްޖެ އައީ އެއަރ ސިލޯނުގެ ޗާޓަރ މަތިންދާ ބޯޓެއްގައެވެ.

ކޯބިންގެ ބެލުމުގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރި މި ފަތުރުވެރިންގެ ގްރޫޕާ ހަވާލުވެ ވަޑައިގެންނެވީ މިހާރުގެ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް (ކެރަފާ) އެވެ. ނަސީމަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ރެއާ ދުވާލު މަސައްކަތް ކުރެއްވި އެންމެ އިސް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

އިޓަލީ ވިލާތުން ރާއްޖެއަށް އައި ފަތުރުވެރީންގެ މި ގްރޫޕް ރާއްޖެއިން ފުރީ 28 ފެބުރުވަރީ 1972 ގައެވެ. އެމީހުން އެނބުރި ގައުމަށް ގޮސް ދިވެހި ރާއްޖޭގެ ފޮޓޯ ތަކާއި ލިޔުންތަން އިޓަލީ ވިލާތުގެ ނޫސްތަކުގައި ޝާއިޢު ކުރިއެވެ. އެއީ ރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތް ކަމަށް ވެދާނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ރިސޯޓު ވެސް ހުޅުވުނީ ކޯބިންގެ ލަފަޔާއި މަޝްވަރާގެ މަތިންނެވެ. އެއީ މާލޭގެ ވައިގެ ބަނދަރާ ކައިރީގައިވާ ވިހަމަނާ ފުށްޓެވެ. މިހާރުގެ ގޮތުން ނަމަ ކުރުނބާ މޯލްޑިވްސް އެވެ. އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވާފައިވަނީ 1972 ވަނަ އަހަރު އެވެ. އެރަށް ހުޅުވިއިރު އެރަށުގައި ހުރީ ވަރަށް އާދައިގެ 30 ކޮޓަރި އެވެ. މި ރިސޯޓު ކުރުނބާ ވިލެޖްގެ ގޮތުގައި ހުޅުވުނީ 3 އޮކުޓޫބަރު 1972 ގައެވެ.