ޕާކިސްތާނާއި ތުރުކީވިލާތް ގުޅިގެން އަފްޣާނިސްތާން ބޯޑަރާ ކައިރީގައި ބާއްވާ ތަމްރީންތައް ފަށައިފިއެވެ. އަތާތުރުކު 11 ގެ ނަމުން ނަން ދީފައިވާ ތަމްރީންތަކުގައި ބައިވެރިވަނީ ދެ ގައުމުގެ ސްޕެޝަލް ފޯސްއިންނެވެ.

އިންޑިއާއިން ދަނީ މި ތަމްރީންތަކުން ދެކުނު އޭޝިއާ ސަރަހައްދަށް ކުރާނެ އަސަރާ ބެހޭ ގޮތުން ދިރާސާކޮށް މިކަން ކުރިއަށްދާ ގޮތަށް ފާރަވެރި ވަމުންނެވެ.

ޕާކިސްތާން ތުރުކީގެ ތަމްރީންތައް އިފްތިތާހު ކޮށްފައި ވަނީ ސްޕެޝަލް ސަރވިސްގެ މަރުކަޒުގައެވެ. ތިން ހަފްތާ ވަންދެން ކުރިއަށްދާ މި ތަމްރީންތަކުގައި ޓެރަރިޒަމްގެ ހަމަލާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ހުނަރާއި ކޯރޑަން ކުރުމާއި ބަލާ ފާސް ކުރުމުގެ ހުނަރާއި އަލިފާނާ ގުޅޭ ތަމްރީންތަކާއި ރަހީނުން މިނިވަން ކުރުން ފަދަ ދާއިރާތަކުން ދެ ފަރާތް ގުޅިގެން ތަމްރީންތައް ބާއްވާނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދު އަސްކަރީ ގުޅުން ވަރުގަދަ ކުރުމަށްވެސް މަޝްވަރާ ކުރާނެއެވެ.

އިންޑިއާއިން ދެކޭ ގޮތުގައި މިތަމްރީންގެ ސަބަބުން ކަޝްމީރު މައްސަލއަށްވެސް އަސަރުތަކެއް ކުރާނެއެވެ. ނަމަވެސް މަސްއޫލު ފަރާތްތަކުން މި ކަމާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ދޭކަށް ބޭނުމެއް ނުވިއެވެ.