ހުޅުމާލެ ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމްއާއި ދޮރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށްފަހު ންނަ އާދީއްތަ ދުވަހުން ފެށިގެން އެ ސިސްޓަމް ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
އެޗްޑީސީން މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ރޭ އެކްސްގައި ކޮށްފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ ވިނަރެސް ފްލެޓްތަކުގެ އެކްސެސް ޓެގުތައް ވިނަރެސް 10 ގެ މެނޭޖުމަންޓް އޮފީހުން ލިބެން ހުންނާނެ ކަމަށާއި ޓެގުތައް ނުނަންގަވާ ބޭފުޅުން އާދީއްތަ ދުވަހުގެ ކުރިން ޓެގު ނެގުމަށް އެ އެޗްޑީސީން އެދޭކަމަށެވެ.
ހަމައެއާއެކު ވިނަރެސްގެ ކޮންޓްރޯލް އެކްސެސް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގާއިމުކޮށްފައިވާ ހިދުމަތެއް ކަމަށާއި އެ ތަކެއްޗަށް ގެއްލުންދީފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.