ކުޑަދަރިފުޅުގެ ނެޕީ ހުއްޓުވާނީ ކިހިނެއް އަދި ކޮން އުމުރެއްގައިތޯ؟ މި ސުވާލު ތަކަކީ ވަރަށް ގިނަ މައިން ކުރަމުން އަންނަ ސުވާލެކެވެ.

ކުޑަ ދަރިފުޅު ނެޕީ ހުއްޓުވުމާބެހޭގޮތުން "3 ޑޭ ޕޮޓީ ޓްރޭނިންގް" ކިޔާ ފޮތެއްގައި، އެ ފޮތް ލިޔުއްވި ލޯރާ ޖެންސެން ވިދާޅުވެފައިވަނީ، ދަރިފުޅު ނެޕީއާ ނުލާ އުޅެން ހޭނެވުމަށް މާގިނަ ދުވަހެއް ބޭނުން ނުވާ ކަމަށެވެ. އެންމެ ތިން ދުވަސް ތެރޭ ދަރިފުޅަށް ނެޕީއާ ނުލައި އުޅެން ދަސްވާނެ ކަމަށްވެސް ޖެންސެން ވިދާޅުވެފައިވެއެވެ.

ކުޑަދަރިފުޅު ނެޕީ ހުއްޓުވުމާ ބެހޭގޮތުން ކުޑަކުދިންގެ ޚާއްސަ ސައިކޮލޮޖިސްޓެއް ކަމަށްވާ އެލިޒަބަތު ގާހާޑްސަން ވިދާޅުވެފައިވަނީ، ކޮންމެ ދެކުއްޖަކީ ތަފާތު ކުއްޖަކަށްވާ ފަދައިން ނެޕީ ހުއްޓުވުމުގައި ވެސް އެކި ކުދިންނާ މެދު ކަންތައް ކުރަންޖެހޭ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން ކުއްޖާ މާ ތުއްތުއިރު ނެޕީ ހުއްޓުވަން އުޅުމަކީ ވެސް ބައެއްކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ ކަމެއް ކަމުގައި އެލިޒަބަތު ހާމަކޮށްފައިވެއެވެ. އޭނާ ހާމަ ކޮށްފައިވާ ގޮތުގައި ކުއްޖާ ނެޕީ ހުއްޓުވަން އެންމެ ރަނގަޅު އުމުރުފުރާ އަކީ ދެ އަހަރާއި ހަތަރު އަހަރާ ދެމެދެވެ. މީގެ އިތުރުން، ދަރިފުޅު ބޮޑުވަމުން އަންނަ ގޮތާއި މާހައުލަކީވެސް ކުއްޖާ ނެޕީ ހުއްޓުވުމުގައި ބޮޑު ރޯލެއް އަދާކުރާ ދެ ކަމެއްކަން އެލިޒަބަތު ވަނީ ފާހަކަކޮށްފައެވެ.

ދަރިފުޅު ނެޕީ ހުއްޓުވަން ބޭނުން ނަމަ، އެންމެ ފުރަތަމަ ކަމަކަށް މަންމަ ވިސްނަންވީ، އެކަމަށް ތިމާ އަމިއްލައަށް ތައްޔާރުވާން ޖެހޭ ކަމެވެ. އެގޮތުން، ތިމާގެ ދަރިފުޅުގެ ނެޕީ ފޯވެފައި ހުރިތޯ ގިނަގިނައިން ބަލާ، ދަރިފުޅުގެ ނެޕީ އެންމެ ގިނައިން ހަޑިކުރަނީ ކޮންކޮން ވަގުތު ތަކުގައި ކަން މަންމައަށް ނުވަތަ ދަރިފުޅު ގެންގުޅޭ މީހަކަށް އެނގެން ޖެހެއެވެ.

ދަރިފުޅު ނެޕީހުއްޓުވަން ވެއްޖެކަން އަންގައިދޭ ބައެއް އަލާމާތްތައް ކުއްޖާ ކިބައިން ފެންނާނެއެވެ. އެގޮތުން ކުއްޖާގެ ނެޕީ ފޯ ނުކޮށް ގިނައިރު ހިފެހެއްޓުމާއި ނެޕީ ނުޖަހަން އުޅުމާއި، މަންމަ ނުވަތަ ކުއްޖާ ގެންގުޅޭ މިހާގެ އިރުޝާދުތައް ކުއްޖާއަށް އެނގޭ ހިސާބަކީ ކުއްޖާ ނެޕީ ހުއްޓާލަން ވެއްޖެ ކަމުގެ އަލާމާތްތަކެކެވެ. މިފަދަ އަލާމާތްތައް ކުއްޖާގެ ކިބައިން ފެންނަން ފަށާ ހިސާބުން ކުއްޖާ ނެޕީއާ ދުރުކުރެވޭތޯ މަސައްކަތް ފަށަންޖެހެއެވެ.

ނެޕީ ހުއްޓުވުމުގައި ފިރިހެން ކުދިންނަށް ވުރެ އަވަހަށް އަންހެންކުދިން ނެޕީ ހުއްޓުވުން ފަސޭހަ ކަންވެސް ކުދިންގެ ކަންކަން ބަލައި ދިރާސާ ކުރާ މާހިރުން ވިދާޅުވެފައިވެއެވެ. އެބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، ބައެއް މައިން ނުވަތަ ކުއްޖާ ގެންގުޅޭ ބައެއް މީހުން، ކުއްޖާ ނެޕީ ހުއްޓުވަން މަސައްކަތް ކުރާ ދުވަސްކޮޅު، ދުވާލުގަޑީގައި އެއްގޮތަކަށް ވެސް ނެޕީ ބޭނުން ނުކުރުވައި، ރޭގަނޑު ނިންދަވާ ވަގުތު ތަކުގައި ނެޕީ ބޭނުން ކުރުވައެވެ. އެގޮތަށް ކަންތައް ކުރުމުން އެ ކުއްޖާއަށް ނެޕީ ހުއްޓާލުމުގައި އޮޅުން އަރައި، ނެޕީ ހުއްޓާލަން ގިނަ ވަގުތު ބޭނުންވެއެވެ.

އެހެން ނަމަވެސް، ދަރިފުޅުގާތު "ހީސްލަވާތޯ އަދި ޕުއްޕު ލަވާތޯ" ދޭތެރެ ދޭތެރެއިން އަހައި، ދަރިފުޅު ނިދަން ބޭއްވުމުގެ ކުރިން ހީސްލައްވައި، ނިދާފައި އޮންނަ ވަގުތު، ދޭތެރެ ދޭތެރެއިން ދަރިފުޅު ނަގައިގެން ހީސް ލައްވަން ގެންދިޔުމަކީ ވެސް ކުއްޖާ ނެޕީ ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.

ކުޑަދަރިފުޅު ނެޕީއާ ނުލައި އުޅެން ފަށާ ހިސާބަކީ ކުއްޖާ ހެދި ބޮޑުވުމުގައި އެކުއްޖާއަށް ދިރިއުޅުމުގެ ލަނޑުދަނޑިއަކާ ހަމައަށް ވާސިލުވާ ހިސާބެކެވެ.