ބްރެޒިލްގެ ސާއޮ ޕައުލޯ ސްޓޭޓުގައި ހިނގި ނުރައްކާތެރި މަތިންދާބޯޓު އެކްސިޑެންޓެއްގައި އެ ބޯޓުގައި ތިބި 61 މީހުން މަރުވެއްޖެއެވެ.
ވޯޕާސް އެއަރލައިންގެ އޭޓީއާރު 72-500 މަތިންދާބޯޓު ޕަރަނާގެ ކަސްކަވެލްއިން ސާއޮ ޕައުލޯ ސިޓީގެ ގުއަރުލްހޯސް އެއަރޕޯޓަށް ދަތުރުކުރަމުން ދަނިކޮށް ވިންހެދޯ ނަމަކަށް ކިޔާ ރަށަކަށް ވަނީ ވެއްޓިފައެވެ. މަރުވި މީހުންގެ ތެރޭގައި 57 ފަސިންޖަރުންނާއި 4 ކުރޫ މެންބަރުން ހިމެނެއެވެ. އެއްވެސް މީހަކު ސަލާމަތްވެފައި ނުވާކަމަށް ސަރަޙައްދުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކަސްކަވެލްގައި ހުންނަ އުއޮޕެކަން ކެންސަރު ހޮސްޕިޓަލުން ބީބީސީ ބްރަޒިލަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މަރުވި ފަސިންޖަރުންގެ ތެރޭގައި އެ ހޮސްޕިޓަލުގައި ތަމްރީނު ހޯދަމުންދިޔަ ދެ ޑޮކްޓަރުން ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ ވީޑިއޯތަކުން ބޯޓު ވެއްޓުމުގެ ކުރިން ސީދާ ތިރިއަށް އެނބުރެމުންދާތަނުގެ މަންޒަރު ފެނެއެވެ. ބޯޓު ވެއްޓުނީ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ނަމަވެސް، ބިމުގައި ތިބި މީހުންނަށް ގެއްލުމެއް ނުލިބޭކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ގެއަކަށް ގެއްލުންވެފައިވެއެވެ.
މަތިންދާބޯޓުގެ ފްލައިޓް ރެކޯޑަރުތައް މިހާރު ވަނީ ހޯދިފައެވެ. އަދި ބޯޓު އުފެއްދި ކުންފުނި އޭޓީއާރުން ވަނީ މި މައްސަލަ ތަޙުޤީޤުކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވަޢުދުވެފައެވެ.
މި ޙާދިސާއަކީ 2007 އިން ފެށިގެން ބްރެޒިލްގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ޙާދިސާއެވެ. ކުއްލި ނުރައްކަލުގެ ޚިދުމަތްތައް މިހާރުވެސް ދަނީ ޙާދިސާ ހިނގި ސަރަޙައްދުގައި މަސައްކަތްކުރަމުންނެވެ. އެ ސަރަޙައްދުގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވެއެވެ. ބްރެޒިލްގެ ސިވިލް އެވިއެޝަނުން ރިޕޯޓުކުރާގޮތުގައި، 2010 ވަނަ އަހަރު އުފެއްދި މި މަތިންދާބޯޓު ޙާދިސާ ހިނގިއިރު ވަނީ ރަނގަޅު ހާލަތެއްގައިއެވެ.
ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވަނީ ހިތާމަފާޅުކުރައްވާ، ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް އެއްބާރުލުން ދީ އެހީތެރިކަންފޮރުކޮއްދޭނެކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާ ހިނގާދިޔަ ގޮތް ބަލައި ފިޔަވަޅުތައް ހަރުދަނާކުރުމަށް އިދާރާތަކަށް އެމަނިކުފާނު އަންގަވާފައިވެސްވެއެވެ. ހިތާމާގައި ބައިވެރިވެ ވަޑައިގެން ލޫލާ ވަނީ ސުކޫތެއް ވެސް ގެނައުމަށް ގޮވާލައްވާފައެވެ.