ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ 14 ތަޖުރިބާކާރުންގެ ޓީމުން 27 ދުވަސް ވޫހާންގައި ހޭދަކޮށްފިއެވެ. މި ޓީމުގެ މަސައްކަތަކީ، ވޫހާންގައި ކޮރޯނާ ވައިރަސް ފެތުރުނު ގޮތް ހޯދުމާއި އަދި މުސްތަގްބަލުގައި މިފަދަ ވަބާއެއް ފެތުރުން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައްލޫމާތު ފޯރުވައި ދިނުމެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައިންޓިސްޓުންގެ ޓީމް އަނބުރި އައިސްފައި ވަނީ މާޔޫސްކަމާއެކުގައެވެ. ޗައިނާގެ ފަރާތުން އެމީހުން އެދުނު މައްލޫމާތެއް އެމީހުނަކަށް ނުދިނެވެ.

ތަކުރާރުކޮށް ވައިރަސްގެ އެކި ކަންތައްތަކާ ބެހޭ ގޮތުންނާއި އެދުވަސްވަރު ބަލި މީހުންނާ މެދު ކަންކުރިގޮތާއި ބަލި ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާ ބެހޭ ގޮތުން ސުއާލުކުރުމުން އެކަމަށްވެސް ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފައެވެ.

ނިއުޔޯކްޓައިމްސްއިން ރިޕޯޓް ކުރިގޮތުގައި ދެފަރާތް ދެމެދު ސުއާލު ކުރެވި އަދި ކަންކަމާ މެދު ބަހުސް ކުރުމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ހަރުއަޑުން ޒުވާބުކުރާ ދަރަޖައަށްވެސް ކަންތައްތައް ގޮސްފައި ވެއެވެ.

އެންމެ ފުރަތަމަ ވައިރަސް ފެތުރިގެން އުޅުނު އިރު ފަރުވާ ދީފައިވާ ޕޭޝަންޓުންގެ ރެކޯޑް ހޯދަން އެދުމުން އެކަމަށްވެސް ހުރަސްތައް ކުރިމަތިކޮށްފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ޗައިނާގެ މަސްއޫލު ވެރިން ބޭނުންވަނީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ޗައިނާ އިން ބުނާ ވާހަކަތައް ގަބޫލު ކުރުމަށެވެ.