ދުނިޔެ ވަށާ ހަންފެތުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތަށް ނިމުމެއް ނެތެވެ. ޗައިނާއިން ބޭނުންވަނީ ދުނިޔޭގެ ހުރިހައި ސަރަހައްދެއްވެސް ޗައިނާއާ ކަނޑު މަގުން ގުޅާވާލެވުމަށެވެ. ދުނިޔޭގެ އަރކްޓިކް ސަރަހައްދުގައި ޗައިނާއިން ދަނީ ކަނޑުދަތުރުފަތުރަށް މަގުތައް ހޯދަމުންނެވެ. 2018 ވަނަ އަހަރު ޗައިނާއިން ޝާއިއުކޮށްފައިވާ ޗައިނާ އާރކްޓިކް ރިޕޯޓްގައި ބުނާ ގޮތުން ޗައިނާއަކީ އަރކްޓިކްއާ ވަރަށް ކައިރި ގައުމެކެވެ. މިއިރު ޗައިނާއާއި އާރކްޓިކްއާ ދެމެދު މާލެއާ ބެންގަލޯރއާ ދެމެދުގެ ދުރިމިން އޮވެއެވެ. މިއާ ވިއްދައިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވިދާޅުވީ، އާރކްޓިކްއާ ގުޅިގެން ގައުމުތައް ބެހެނީ އާރކްޓިކްގެ ގައުމުތަކަށާއި އާރކްޓިކްއާ ކައިރި ގައުމުތަކަށެވެ. އާރކްޓިކްއާ ވަރަށް ކައިރި ގައުމުތަކެކޭ ކިޔާ ގައުމުތަކެއް ނޯންނާނެކަމުގައެވެ.

ޗައިނާއިން ހަންފެތުރުމަކުން ގައުމަކާ ގުޅުން ބަދަހިކުރާނަމަ އެގައުމެއް ޗައިނާގެ ސިލްކް ރޯޑްއާއި ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ބައިވެރިކުރެއެވެ. އެގޮތުން މިހާރު އަރކްޓިކްވެސް ޗައިނާއިން ހިމަނާފައިވަނީ ޗައިނާގެ ޕޯލާ ސިލްކް ރޫޓްގައެވެ.

ޗައިނާއިން ދަނީ އެމެރިކާގެ ސަރަހައްދާއި އެމެރިކާގެ ނުފޫޒުގެ ސަރަހައްދުގެ ގައުމުތަކަށް ވަންނަމުންނެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގްރީންލެންޑާއި އައިސްލެންޑްގައި ޗައިނާއިން ހިންގާ މަޝްރޫއުތަކެވެ. އައިލެންޑްގައި ހަދާފައިވާ ޗައިނާ އެމްބަސީގައި އެއްފަހަރާ 500 ސްޓާފުންގެ ފައުޖަކަށް އެކޮމޮޑޭޝަން ދެވޭނެއެވެ. މިއީ 2013ގައި އެންމެ ފުރަތަމައަށް ޗައިނާއާއެކު މިނިވަން ވކިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލި ޔޫރަޕްގެ ގައުމެވެ. ނަމަވެސް އައިސްލެންޑުން ބުނެފައިވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި އެގައުމުން ބައިވެރި ނުވާނެ ކަމުގައެވެ. އަދި ގްރީންލެންޑްގައި ޗައިނާއިން ވަނީ ނާދިރު މައުދަންތައް ނެގުމަށް އެއްބަސްވުމެއްހަދައި، އެ ގައުމުގައި ބަނދަރެއް ހެދުމަށް ސަރުކާރާ އެކު އެއްބަސްވެފައެވެ.

އާރކްޓިކް ކައުންސިލްގެ 2019ވަނަ އަހަރުގެ ބައްދަލުމުގައި ޕޮމްޕިއޯ ވިދާޅުވެފައިވަނީ ޗައިނާއިން އާރކްޓިކްގައި ކުރާ ދެފުށްފެންނަ އިންވެސްޓްމެންޓަށް މަރުހަބާ ކިޔާކަމަށެވެ. ނަމަވެސް ޗައިނާއިން ގެންގުޅޭ ހަންފެތުރުމުގެ ސިޔާސީ ކަންކަމަށް އެމެރިކާއިން މަރުހަބާ ނުކިޔާނެ ކަމަށެވެ. މިވާހަކައިގައި އިޝާރާތްކޮށްފައި މިވަނީ ސިރީލަންކާއާއި ޖިބޫޓީގައި ޗައިނާއިން ހިންގި ދަރަނީގެ ދަންމަޅިތަކަށެވެ.

އެންޓާކްޓިކާއާއި ޚިލާފަށް އާރކްޓިކްއަކީ ދުނިޔޭގެ ބޮޑު އަށް ގައުމުން ބަލަހައްޓާ އެމީހުންގެ ނުފުޒު އޮންނަ ސަރަހައްދެކެވެ. އެންޓާކްޓިކާއަކީ ދުނިޔޭގެ އެންމެނަށްވެސް ހުޅުވާލެވިފައިވާ ތަނެކެވެ. އާރކްޓިކްގެ ގައުމުތަކުގެ ކައުންސިލްގައި 2013 ވަނަ އަހަރު ޗައިނާއަށް ވަނީ އޮބްޒާވާގެ ހައްސިއްޔަތު ދީފައެވެ.

ޗައިނާއިން ގަދައަޅައި މަސައްކަތް ކުރަމުންދަނީ ޗައިނާގެ ނުފޫޒު އޮންނަ ގޮތަށް ބަނދަރުތަކާއި ކަނޑުގެ ސަރަހައްދާ ކައިރިން އިންފްރާސްޓްރަކްޗާއަށް އިންވެސްޓްކޮށް އެތަންތަނަށް ޗައިނާގެ އާގުބޯޓާއި ސެބްމެރީންތަކަށް ވަދެ އެހީލިބޭގޮތް ހެދުމަށެވެ. އަދި ދުނިޔޭގައި މުހިންމު އިގްތިސާދީ މައުދަނަކަށްވަމުންދާ ހައިޑްރޯކާބަން ނެގުމަށާއި އެ މައުދަން ކޮންޓްރޯލުކުރުމަށް ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއަށް ޔޫރަޕުން ދަތުރުކުރާ ކަނޑު ބޯޓުތައް ސުއޭސް ކެނަލްއާއި މަލަކާ ކަނޑުއޮޅިން ދަތުރުކުރުމުގެ ބަދަލުގައި ޗައިނާއިން ބޭނުންވަނީ ނޯދަން ސީ ރޫޓް ބޭނުންކުރާށެވެ. އެއިރުން ޗައިނާއަށް ރާސްތާގެ ދުރުމިނުގެ 30އިންސައްތަ ސަލާމަތް ކުރެވޭނެއެވެ. ޗައިނާގެ ސަރުކާރު ހިއްސާވާ ޝިޕިންގ ކޮމްޕެނީ ކޮސްކޯއިން ވަނީ ނޯދަން ރޫޓް ބޭނުންކޮށްގެން 30 ދަތުރު ފުރިހަމަ ކޮށްފައެވެ. އަދި އާރކްޓިކް ހޮދުމުގެ ޖުމުލަ 10 ދަތުރު ޗައިނާއިން ވަނީ ފުރިހަމަކޮށްފައެވެ.

ޗައިނާއިން އިޢްލާން ކޮށްފައިވަނީ އާރކްޓިކްގައި ދަތުރުކުރާއިރު ފަނޑުފެން ކެނޑުމަށް ބޭނުންކުރާ ޑީސަލް ބޯޓުތަކުގެ ބަދަލުގައި ޗައިނާއިން ބޭނުންކުރާނީ ނިއުކްލިއަރ ބޯޓުތައް ކަމަށެވެ.

ޗައިނާއިން އާރކްޓިކްގައި ހިންގަމުންދާ ހަރަކާތަށް އެންމެ ބޮޑަށް ދެކޮޅު ހަދަމުންދާ ފަރާތަކީ ޑެންމަރކްއެވެ. ޑެންމާކްއަކީ ގްރީން ލޭންޑްގެ ދިފާއީ އަދި ޚާރިޖީ ކަންކަން ބަލަހައްޓާ ގައުމެވެ. ގްރީންލެންޑްގައި އަސްކަރީ އެއަރޕޯޓްގަތުމަށް ޗައިނާއިން މަސައްކަތް ކުރުމުން އެކަމާވެސް ޑެންމާކްއިން ވަނީ ދެކޮޅު ހަދާފައެވެ. ނޯރވޭއިންވެސް ވަނީ ޗައިނާގެ ހަންފެތުރުމުގެ އަމަލުތަކާ ދެކޮޅަށް ފާޑުކިޔަން ފަށާފައެވެ. ނޯރވޭއިން ބުނެފައިވަނީ އާރކްޓިކްގައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޗައިނާ ކަމުގައެވެ. ނޯރވޭއާއި އެމެރިކާއިން ދަނީ ޗައިނާއާ ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ.