ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު މާލެ ސިޓީގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވިއެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި މާލޭގެ ސަހަރާތައް ތޮއްޖެހުމުގެ މައްސަލައާއި ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސްއާއި ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ހިއްސާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާލެ ސިޓީ ކައުންސިލްގެ ހިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް މިސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުންވެސް ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި، ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުންވެސް ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލާއެކު އޮތް ބައްދަކުރެއްވުމަށްފަހު ކައުންސިލްގެ ފަރާތުން ވަނީ ރައީސްއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމަކީ ރައީސް ރަށްރަށާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ސިލްސިލާގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.