ކޮވިޑް-19 ބަލި ފެތުރުން ހުއްޓުވަން ނެދަރލޭންޑްސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލަން، ނެދަރލޭންޑްސްގެ ކޯޓަކުން ސަރުކާރުގެ މައްޗަށް އަމުރު ކޮށްފިއެވެ.

ހޭގްގައި ހުންނަ ކޯޓުން ކުރި އަމުރުގައި ސަރުކާރަށް އަމުރުކޮށްފައިވަނީ، ކޮވިޑް ފެތުރުން ހުއްޓުވުމުގެ ނަމުގައި ރޭގަނޑަށް ސަރުކާރުން ހިންގާފައިވާ ކާފިއު އުވާލުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ރޭގަނޑަށް ކާފިއު ހިންގުމުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ސަރުކާރަށް ލިބިފައިނުވުމެވެ.

ކޮވިޑްބަލި އަލުން ފެތުރޭން ފެށުމުން ނެދަރލޭންޑްސްގައި އެންމެ ފުރަތަމަ ކާފިއު ހިންގާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 23 ވަނަ ދުވަހުއެވެ. މިއީ، ދެވަނަ ބޮޑު ހަނގުރާމައިގެފަހުން އެގައުމުގައި ކާފިއު ހިންގި ފުރަތަމަ ފަހަރެވެ.

ނަމަވެސް، ކާފިއު އިއުލާންކުރުމާއެކު، އާންމުން މަގުތަކަށް ނުކުމެ އެތައް ދުވަހެއް ވަންދެން ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ.

ކާފިއުގެ މައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ނެދަރލޭންޑްސް ސަރުކާރުން އެގައުމުގައި ކާފިއު ހިންގާފައިވަނީ އިމަޖެންސީ ހާލަތްތަކުގެ މައްޗަށް ބިނާކޮށް ކަމަށާއި، އެކަމާމެދު ޕާލަމެންޓްގައި ބަހުސްކުރަން ވަގުތު ލިބިފައި ނުވާ ކަމަށެވެ.

ނެދަރލޭންޑްސްގައި ކާފިއު ހިންގަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށާއި، ކާފިއުއާއި އެފަދަ އެނޫންވެސް ފިޔަވަޅުތައް އަޅާނަމަ އެކަންކަން ކުރެވެންޖެހޭނީ ފުރިހަމަ ގާނޫނުތަކެއްގެ ތެރެއިން ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ކޮވިޑް ބަލިމަޑުކަމުގެ މި މަރްހަލާގައި ކާފިއު ހިންގުން މުހިންމުވަކީ ކީއްވެގެންކަން ކޯޓަށް ސާފުކޮށް ސާބިތުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށްވެސް ކޯޓުން ބުނެފައި ވެއެވެ.

ކާފިއު ހިންގުމުގެ ކުރިން، ނެދަރލޭންޑްސްގައި އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައިވާކަން ކޯޓުން ފާހަގަކޮށްފައި ވެއެވެ.

ނެދަރލޭންޑްސްގައި މިހާރު ރޭގަނޑަކަށް ހިންގާފައިވާ ކާފިއުގެ ދަށުން، ރޭގަނޑު 9:00 އިން ފަތިހު 4:30 އަށް ޟަރޫރީ ބޭނުމެއްގައިނޫނީ އާންމުންނަށް ބޭރަކަށް ނުދެވެއެވެ.

ރޭގަނޑަށް ހިންގާފައިވާ ކާފިއުގެ މުއްދަތު މާޗް 3 އަށް މުއްދަތު އިތުރު ކުރީވެސް މިދިޔަ ހަފްތާގައެވެ.

ނަމަވެސް، ކޯޓުން މިވަނީ، ކާފިއު ބާތިލްކުރަން ސަރުކާރުގެ މައްޗަށް އަމުރުކޮށްފައެވެ.

ނެދަރލޭންޑްސް ސަރުކާރުގެ ޖަސްޓިސް މިނިސްޓްރީން ބުނެފައިވަނީ، ކޯޓުގެ އަމުރު ދިރާސާކުރަމުންދާ ކަމަށެވެ.