މިސަރުކާރަށް 8 މަސްވެފައިވާއިިރު މިހާތަނަށް ތެލަސީމިއާ 14 ކުދިން ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެެވެ.

އެކަމަނާ މިހެން ވިދާޅުވީ ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މީގެއިތުރުން ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ހދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވާލާފައެވެ.

ހަމައެއާއެކު ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމަކީ ވަރަށް މުހިންމު ގައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ހިދުމަތެއްކަން އެކަމަނާ ފާހަގަކުރައްވާފައެވެ. އަދި ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ހާލަތެއްގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް 955 ކުއްޖަކު ސިއްހީ މި ހާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށާ އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަން އެކަމަނާ ފާހަގަކުރެއްވާފައިވެއެވެ.