އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ޖޫލިއަން އަލްވަރޭޒް، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންސްޗެސްޓަރ ސިޓީ ދޫކޮށް ސްޕެއިނުގެ އެޓްލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.

އެތުލެޓިކޯ މެޑްރިޑުން ވަނީ އަލްވަރޭޒް ގަތުމަށް ޓަކައި އޭނާ ކުރިން ކުޅުނު ކްލަބު ކަމުގައިވާ މެންޗެސްޓާ ސިޓީއަށް 104 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައެވެ. އެއާއެކު އަލްވަރޭޒް ވަނީ ސިޓީގެ ތާރީހުގައި އެންމެ ބޮޑު ފީއަކަށް އެ ކްލަބު ދޫކޮށްލި ކުޅުންތެރިޔާއަށް ވެފައެވެ.

އަލްވަރޭޒް އެންމެ ފުރަތަމަ ސިޓީއާއެކު ހޭދަ ކުރި ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް 17 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި މި ދިޔަ ސީޒަނުގައި އޭނާ ވަނީ ސިޓީއަށް 19 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަލްވަރޭޒްގެ ކުޅުން ރަނގަޅު ނަމަވެސް ސިޓީގެ ފުރަތަމަ އެގާރައިގެ ސްޓްރައިކަރު ކަމުގައިވާ އާލިންގް ހާލަންޑްގެ ސަބަބުން އޭނާއަށް ވަނީ ގިނަ މެޗުތަކުގައި ކުޅެވޭ ގޮތް ނުވެފައެވެ. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި އަލްވަރޭޒް ސިޓީ ދޫކޮށް, އެޓްލެޓިކޯއަށް ސޮއި ކުރި ސަބަބަކީ ވެސް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުލިބޭތީއެވެ.

2022 ވަނަ އަހަރުގެ ޖަނަވަރީ މަހު އާޖެންޓީނާގެ ރިވަރ ޕްލޭޓްއިން 14 މިލިއަން ޕައުންޑުގެ އަގަކަށް މެންޗެސްޓާ ސިޓީއާ ގުޅުނު އަލްވަރޭޒްއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. އޭނާ ވަނީ ސިޓީއަށް 103 މެޗު ކުޅެދީ 36 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އަލްވަރޭޒް ވަނީ ސިޓީއާއެކު 6 ތަށި ކާމިޔާބު ކޮށްފައެވެ.