ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އެޅި ފިޔަވަޅުތައް 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ރޭ ނެރުނު އިއުލާނެއްގައި ބުނީ މި މަހުގެ ދެވަނަ ދުވަހު 14 ދުވަހުގެ މުއްދަތަށް އަޅާފައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި އަންނަނީ ކޮންމެ ރެޔަކު 11:00 އިން ފެށިގެން 04:30 އަށް ކާފިއު ހިންގަމުންނެވެ. އަދި މާލެ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އޭގެއިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ގޮސްގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމާއި، އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރު ޙަރަކާތްތަކާއި ކަސްރަތުތައް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.