ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ ވަނީ މި ކަން ހާމަކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ހިނާ އިތުރަށް ވިދާޅުވީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުގައި ކަމަށެވެ.

އަދި މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ދެއްވައިފައިވާ ކަމަށްވެސް ހިނާ ވިދާޅުވެފައިވެއެވެ.