ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޓާސްކް ފޯސްއެއް އުފައްދަވައި ރޭ މި ޓާސްކްފޯސްގެ ފުރަތަމަ ބައްދަލުކުރެއްވުން ކުރިއަށްގެންދަވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ރޭ ރައިސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ކަންކަމަށް އަވަސް ހައްލު ހޯދައިދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ކުރިއަށްއޮތް ގަޑިތަކުގައި ވިއްސާރަވެއްޖެނަމަ މަގުތަކުން ފެންހިންދުމަށާއި އަދި އާއްމު ރައްޔިތުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރީ ހާލަތެއްގައި އޮތުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ވިއްސާރަ އާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް، ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި އުފެއްދެވި ޓާސްކް ފޯސްގެ ޗެއަރ ކުރެއްވީ ރައީސް އެވެ.

މިޓާސްކްފޯސްގައި ދެން ހިމެނި ވަޑައިގަންނަވަނީ

1- މުހައްމަދު ގައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް

2- އަލީ އިހުސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

3-ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަރ އޮފް އެޑިޔުކޭޝަން

4- ޑރ. އަބްދުﷲ ހަލީލު – މިނިސްޓަރ އޮފް ހެލްތް

5- ތާރިޤް އިބްރާހީމް - މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

6- އާދަމް ޝަރީފް އުމަރު - މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

7- އަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް

8- ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ

9- ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.