މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކޮށްފައިވާ 115 ތުހުމަތުގެ އަޑުއެހުން ސެޕްޓެމްބަރު މަހަށް އަވަސްކޮށްފިއެވެ.
ރިޕޯޓުތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި ސިޓީއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތަކުގެ އަޑުއެހުން ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ފަހުކޮޅަށެވެ. ނަމަވެސް މި ތުހުމަތުތަކުގެ އަޑުއެހުން މިހާރު މި ވަނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހަށް އަވަސްކޮށްފައެވެ.
ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ސިޓީއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކުރިއަށް ގެންދާ އަމިއްލަ ޕެނަލްއިން, އަޑުއެހުންތައް ފެށޭތާ ދެ މަސްތެރޭގައި މި މައްސަލައިގައި ގޮތެއް ނިންމާނެއެވެ. ސިޓީއިން މައްސަލަ އިސްތިއުނާފަށް ހުށައަޅައިފިނަމަ ކުރިއަށް މި އޮތް ސީޒަން ނިމުމުގެ ކުރިން އެ އަޑުއެހުންތައް ވެސް ނިމޭނެ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު (އީޕީއެލް) އިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް 115 ދައުވާ އުފުލީ މި ދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އީޕީއެލްއިން ސިޓީއާ ދެކޮޅަށް 115 ތުހުމަތު ކުރީ, 5 އަހަރުގެ ދިގު އިންވެސްޓިގޭޝަނަކަށް ފަހުއެވެ.
ޕްރިމިއާ ލީގުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަކީ, 2010 ވަނަ އަހަރުން ފަށައިގެން އެކި ފަހަރުގެ މަތިން އެ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވުމާ ގުޅިގެން ކޮށްފައިވާ ތުހުމަތުތަކެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 54 ފަހަރެއްގެ މަތިން ޕްރިމިއާ ލީގަށް ހަގީގަތާ ހިލާފުވާ މައުލޫމާތު ހުށައެޅުން.
- 14 ފަހަރެއްގެ މަތިން ކުޅުންތެރިންނާއި ކޯޗުންގެ މުސާރައާ ގުޅޭ ގޮތުން ތެދު މައުލޫމާތު ފޯރުކޮށްނުދިނުން
- 7 ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ ރޫލްސް (ޕީއެސްއާރު) އާ ހިލާފުވުން
- 5 ފަަހަރެއްގެ މަތިން ޔޫއެފާގެ ގަވާއިދުތަކާ ހިލާފުވެފައިވުން
- 35 ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ އިންވެސްޓިގޭޝަންތަކަށް އެއްބާރުލުން ނުދިނުން.
މެންޗެސްޓާ ސިޓީއިން ވަނީ, އިނގިރޭސި ޕްރިމިއާ ލީގުން އެ ކްލަބާ ކޮޅަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. މި މައްސަލަތަކާ ގުޅިގެން ސިޓީއިން ނެރުނު ބަޔާނެއްގައި އެ ކްލަބުން ބުނި ގޮތުގައި, ޕްރިމިއާ ލީގުން ހުށައަޅާފައިވާ ހުރިހާ މައްސަލަތަކެއް ދޮގު ކުރެވޭނެ ހެކި ހުރި ކަމަށާއި މި ތުހުމަތުތައް އަވަހަށް ހައްލު ވެގެންދާނެކަމަށް އެ ކްލަބުން އުއްމީދު ކުރާ ކަމަށެވެ.
ޔޫއެފާއިން ވެސް ވަނީ މީގެ ކުރިން ސިޓީއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކެއްގެ ސަބަބުން އެ ފެޑެރޭޝަނުގެ މުބާރާތެއްގައި ސިޓީއަށް ބައިވެރިނުވެވޭ ގޮތް ހަދާފައެވެ. ނަމަވެސް ކުޅިވަރާ ބެހޭ އާބިޓްރޭޝަން ކޯޓު (ސީއޭއެސް) ވަނީ ޔޫއެފާގެ މި ނިންމުން އަނބުރާ ގެންގޮސްފައެވެ.