ޕާކިސްތާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް އާޝިފް އަލީ ޒަރުދާރީއަށާއ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް، ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި އެގައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ އެ މަނިކުފާނުގެ ފަރާތްޕުޅުންނާއި، އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާއެކު އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރާއި ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.

ރައީސްގެ މެސެޖުގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮތް އަހުވަންތަ ގުޅުން ފާހަގަކުރައްވައި، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި ޕާކިސްތާނަށާއި އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ވަނީ މީސްމީޑިއާގައިވެސް މެސެޖެއް ޕޯސްޓް ކުރައްވާފައެވެ.